ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެވެ. މުޅި ރާއްޖެ ސިއްސުވާލި ސުނާމީ ކާރިސާ ދިވެހިންނާއި ކުރިމަތިވި ދުވަހެވެ. އެ ދުވަހުގެ ހަނދާންތައް އަދިވެސް ދިވެހިންގެ ސިކުނޑިތަކުގައި ބިންވަޅު ނެގިފައިވާއިރު، އެ ދުވަހު މުޅި ދިވެހި ޤައުމު އެކަތިގަނޑަކަށްވެ ހާލުގައި ޖެހުނު ފަރާތްތަކަށް ދިން އެހީތެރިކަމުގެ ވާހަކައިން މިއަދުވެސް ދިވެހިން އެއްބައިވަންތަކަމުގެ މިސާލު ޖަހައި އުޅެއެވެ. އެ ދުވަހުވެސް ސަލާމަތީ ބާރުތަކާއި އާންމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން ހޭލަމޭލައަށް އުޅުނު އިރު، އެ ހާދިސާއަށްފަހު، ޤުދުރަތީ ކާރިސާތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ޖަމިއްޔާއެއްގެ ބޭނުންތެރިކަން ބޮޑުވެގެން ދިޔައެވެ.
އެގޮތުން ރާއްޖޭގައި ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީގެ ގޮތްޕެއް އުފެއްދުމަށް 2001 ވަނަ އަހަރުން ފެށިގެން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 16 އޯގަސްޓް 2009 ގައި ދިވެހި ރެޑް ކްރެސެންޓް އޭރުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވި ފަހުން މި ޖަމިއްޔާގެ އެހީތެރިކަން ދިވެހިން ހާލުގައި ޖެހުނު ކޮންމެ ދަނޑިވަޅެއްގައިވެސް ދިޔައީ ލިބެމުންނެވެ. މާލެ ފެނަށް ޖެހުނުއިރު ކަމުގައި ވިޔަސް، އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި ދަނޑިވަޅެއްގައި ވިޔަސް، ރަށެއްގައި ފެންބޮޑުވެ ބަޔަކު ހާލުގައި ޖެހުނު ކަމަށް ވިޔަސް ނުވަތަ ބަޔަކަށް އިޖުތިމާއީގޮތުން އެހީވުމުގެ ހަރަކާތެއް ރާއްޖޭގައި ބޭއްވިޔަސް އެންމެ ކުރީ ސަފުގައި އެހީތެރި ކަމުގެ އަތެއް ދިއްކޮށްލާ އެއް ބަޔަކަށް ދިވެހި ރެޑް ކްރެސެންޓް ވާނެއެވެ.
ދެންވެސް އެފަދަ ހަނދާނެކެވެ. މީގެ ދިހަ މަސް ކުރިން މުޅި މާލޭގައި ފެންބޮޑުވެ އެތަކެއް ރައްޔިތުން ހާލުގައި ޖެހުނެވެ. އެތަކެއް ގެއަކަށް ފެން ވަދެ ގިނަ މުދާތަކެއް ހަލާކުވެގެންދިޔައެވެ. އެ ދަނޑިވަޅުގައިވެސް އާންމުންނަށް ހިތްވަރުދީ، އެހީތެރިވެދިނުމުގައި ރެޑް ކްރެސެންޓުން ދެއްކެވި ހިތްވަރާއި ނަމޫނާއަށް އައްސަރިބަހާއި ސާބަސް ދޭ ވަރުވެއެވެ.
ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއިންވެސް އެކަން ވަރަށް ސާފުކޮށް ދިވެހިންނަށް ފެނިގެން ދިޔައެވެ. ވަރަށް ގާތުން އެ މަންޒަރު ބަލާލަން ލިބުނެވެ. ހާދިސާ ހިނގި ވަގުތުން ފެށިގެން މިހާތަނަށްވެސް ދިވެހި ރެޑް ކްރެސެންޓުގެ އޮފިޝަލުން ދަނީ ސަލާމަތީ ބާރުތަކާއި އާންމުންނާއި ގުޅިގެން މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނަމުންނެވެ. އެހީއެއް ފޯރުކޮށްދިނުމަށް ދެން ދާންވީ ކޮން ތަނަކަށްތޯ، އެހީއެއް ބޭނުންވަނީ ދެން ކޮން ފަރާތަކަށްތޯ އަހައި ތައްޔާރީ ހާލަތުގައި ތިބީ އިންސާނީ އަގުހުރި މަސައްކަތެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައެވެ.
Hats off for the hard work of emergency services. @MNDF_Official @PoliceMv @AirportFire_mv @MACLmedia @maldivianrc pic.twitter.com/EB3Lpfj10S
— Mohamed Unaish (@UnaishMohamed) September 20, 2019
އެ ހާދިސާގައި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުންވެސް ދެއްކެވީ ނަމޫނާ މަސައްކަތެވެ. އެގޮތުން އެ ހާދިސާ ހިނގި ވަގުތު ، އެ ބިރުވެރި މާހައުލުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭންކުރި މަސައްކަތްތައް ކިޔާދެމުން ރެޑް ކްރެސެންޓުގެ އޮފިޝަލަކު ވިދާޅުވީ، ހާދިސާ ހިނގިކަން އެނގުނު ހިސާބުން ވަގުތުން އެމަރޖެންސީ ރެސްޕޮންސް ޓީމުތައް އެ ސަރަހައްދަށް ފޮނުވި ކަމަށާއި، ވަގުތުން އެމްއެންޑީއެފާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.
އެގޮތުން އަނިޔާވި ފަރާތްތައް ފުރަތަމަ އެހީ ދިނުމާއި، ރެޑް ކްރެސެންޓުގެ 3 ވެހިކަލްގައި އެ ފަރާތްތައް ހޮސްޕިޓަލުތަކަށް ގެންދިއުމަށް ކުރަންޖެހޭ ދަތުރުތައް ކުރުމުގެ އިތުރުން އެންޑީއެމްއޭއާ ގުޅިގެން ކަލާފާނު ސުކޫލުގައި ވަގުތީ ގޮތުން މަރުކަޒު ކުރެވުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ރެޑް ކްރެސެންޓުގެ ވޮލަންޓިޔަރުން ވަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކޮށްފައެވެ.
މިފަދަ ހިތާމަވެރި ހާދިސާއެއްގައި އެތައް ބައެއްގެ ގެދޮރާއި އަގުހުރި މުދާ އަމިއްލަ ލޯތަކުގެ ކުރިމަތީގައި އަނދާ ހުލިވެފައިވާއިރު، އެކަމުގެ ސަބަބުން ގިނަ ފަރާތްތައް ތިބީ ނަފްސާނީ ގޮތުންވެސް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މަރުގެ ތުންފަތް މަތީގައި އުޅުމަށްފަހު، ލޯބިން ބިނާކުރި ދިރިއުޅުން ދޫކޮށްލަން މަޖުބޫރުވުމުގެ ސަބަބުން ލިބުނު ނަފްސާނީ އަނިޔާތަކަށްވެސް ރެޑް ކްރެސެންޓުގެ ތަޖުރިބާކާރުންވަނީ ވެދެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ފަރާތްތަކަށް ސައިކޯ ސޯޝަލް ސަޕޯރޓް ފޯރުކޮށްދެމުން ގެންގޮސްފައިވަނީ އެއީ އަމިއްލަ އާއިލާތަކެއް ކަމުގައި ބަލައިގެންނެވެ.
ރެޑް ކްރެސެންޓުގެ މި އަގުހުރި މަސައްކަތްތަކުގެ ވާހަކަ ދައްކައި ހުސްނުވާނެއެވެ. އެގޮތުން ހާލުގައި ޖެހުނު ފަރާތްތަކަށް ރާއްޖެޓީވީންވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޓެލެތޯންއެއް ފަށާފައިވާއިރު، މި ޓެލެތޯން މެދުވެރިކޮށް ލިބޭ ފައިސާގެ އެހީ އާއިލާތަކަށް ފޯރުކޮށްދޭނެ މެދުވެރިއަކީވެސް ދިވެހި ރެޑް ކްރެސެންޓެވެ.