ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަރުކާރަށް ބާރުއަޅައި އެފަދަ މައްސަލަ ހައްލު ކޮށްދިނުމަށް ހައްލު ކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. އެ މައްސަލަ ބަލައިގަތުމާމެދު ގޮތް ނިންމުމުގެ ކުރިން ހުޅުވާލި ފުރުސަތުގައި ވާޙަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެއިން ބޭރު ކުރަން ސަރުކާރުން ވިސްނާފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެއަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައި ދިޔައިރު މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލު ކުރުމަށް ފިޝަރީޒް މިނިސްޓްރީން މަޖިލީހަށް ބިލެއް ހުށައަޅާފައިވާ ކަމަށާއި އެކަމަކީ ސަރުކާރުން ދުރާލާ ކުރަމުންދާ ކަމެއް ކަމަށެވެ. ނަމެވެސް ހުކުރު ދުވަހުގެރޭ އަލިފާނުގެ ހާދިސާ ހިނގައިދިޔުން އެއީ އިއްތިފާގެއް ކަމަށާއި އެއީ އެކަމަށް ސަރުކާރުން އަޅާނުލާ ތިބުމެއް ނޫންކަމަށެވެ.
މާލޭގައި ހުރި ކެމިކަލް ގުދަންތައް ބޭރު ކުރަން އަންގާފައިވާއިރު، އެ ގުދަންތައް ވީހާވެސް އަވަހަކަށް ތިލަފުއްޓަށް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފައެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ވެސް ހާލަތު ހުރީ އެފަދަ ކަމެއް މެދުވެރިވެދާނެ ފަދަ ހާލަތެއްގައި ފާހަގަ ކުރައްވައި ޣަފޫރު ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުގައި ފަޔަރުންގެ ޚިދުމަތް އެއްގޮތަކަށް ވެސް ނެތް ކަމަށެވެ. އަދި އެއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ތަންތަނުގައި މިފަދަ ތަކެތި ހުއްޓުވަން އެބަޖެހޭ. މާލޭގައި ފަޔަރުންގެ ޚިދުމަތް އެބައޮތް. ނަމަވެސް ރާއްޖޭގައި ގިނަ ރަށްތަކުގައި މިކަން ނެތް އެއްގޮތަކަށް ވެސް އިއްޒަތްތެރި ރައީސް. މިފަދަ ހާދިސާއެއް ދިމާވެއްޖިއްޔާ ހާލަތު އަދި މިއަށްވުރެ ބޮޑުކޮށް ދާނެ. މިއީ ވިސްނަން ޖެހޭ ކަމެއް. ފަޔަރ ވެހިކަލްތަކަށް ފެން ލިބޭޏެ ގޮތް މަގުފަހިކުރަން މިގޮތަށް ހުރި މައްސަލަތައް އެބަޖެހޭ ހައްލު ކުރަންއަބްދުލް ޢަފޫރު މޫސާ
ޣަފޫރު ވިދާޅުވީ މި ސަރުކާރަށް އަދި އެއް އަހަރު ނުވާކަމަށާއި އަޅާނުލެވި އެތަށް ކަމެއް ހުރިއިރު އެއީ އެއްދުވަހުން ވާނެ ކަމެއް ނޫން ކަމަށެވެ. ވޭތުވެދިޔަ މާޒީގައި އެކަމަށް ހައްލު ނުހޯދާ އޮތުން އެއީ މިސަރުކާރުގެ އެކަނި މައްސަލައެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވާ ކޮންމެ ހައްލެއް ހޯދުމަށް މިސަރުކާރު ފަސް ނުޖެހޭނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ހިނގި އަލިފާނުގެ ހާދިސާގައި ހަ ގެއަށާއި ހަތަރު ގުދަނަށް ގެއްލުން ވެފައިވާއިރު އެ ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. ގެއްލުންވި ގޭތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެ ގޭތަކުގައި ދިރިއުޅުނު މީހުންނަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ދީފައިވާއިރު އަލުން އަނބުރާ ދިރިއުޅުން އިޔާދަވާން ދުވަސްކޮޅެއް ނަގާނެއެވެ.