އަލިފާނުގެ ހާދިސާއާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ދައުރުން ބޭރުގައި ބޭއްވި ދެވަނަ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
މެމްބަރު ޖާބިރު މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ މި މައްސަލަ ހުށަހަޅަނީ ރޮއެފައި ކަމަށެވެ. އަދި މި އަލިފާނުގެ ހާދިސާ ހިނގާ ދިޔައީ މާލޭގައި އޮތް އާބާދީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ފިޔަވަޅުތައް އެޅިފައި ނެތުމުން ކަމަށެވެ.
ނަތީޖާއެއްގެ ގޮތުގައި 20 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ ރޭ 7 ގެއާއި 4 ގުދަން އަނދައިގެން ގޮސް 43 ގެއަކަށް ބޮޑެތި ގެއްލުން ލިބި، މިހާދިސާގެ ސަބަބުން 400 އަށް ވުރެ ގިނަ މީހުން ނިކަމެތި ހާލުގައި ޖެހި، އެބައި މީހުން ދިރިއުޅުމުގައި ހޯދާފައި ތިބި އެންމެހާ މުދާތައް އަލިފާނުގައި އަނދާގޮސް، އެކެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވީހިނދު މި ނުރައްކާލާތެރި ހާދިސާ ހިނގިތާ 24 ގަޑިއިރުވެސް ނުވަނީސް މި ފަދަ ދެވަނަ ހާދިސާއެއް 21 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ރޭ ހިނގާފައި ވާތީ މިއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތައް މިހިނދުންް މިހިނދަށް ފިޔަވަޅުއަޅާ ކޮންމެ ގޮތަކުން ވިޔަސް ހައްލެއް ގެންނަން ޖެހިފައިވާ...އަބްދުﷲ ޖާބިރު
މި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ފާހަގަ ކުރައްވަމުން މެމްބަރު ޖާބިރު ވިދާޅުވީ 20 ސެޕްޓެމްބަރުގައި ފުރަތަމަ ހާދިސާ ހިނގާ، ދެވަނަ ހާދިސާ 21 ސެޕްޓެމްބަރުގައި ހިނގާ ދިޔުމުން މިއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ.
އަދި މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަގްސަދަކީ މި ފަދަ ހާދިސާއެއް ދެވަނަ ފަހަރަކަށް ތަކުރާވިޔަ ނުދީ، މި މައްސަލަ ހައްލު ކޮށްދިނުން އަވަސް ކޮށްދެއްވުމަށް ސަރުކާރަށް ބާރު އެޅުން ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ 50 މެމްބަރުންގެ ވޯޓުންނެވެ.