ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަމުންދަނީ ދިނާއި ގައުމާއި ރައްޔިތުންގެ ހައްގުގައެވެ. ކޮންމެ ހާދިސާއެއް ދިމާވި ނަމަވެސް އެންމެ ކުރީ ސަފުގައި ތިބެނީ މި ފަހުލަވާނުންނެވެ. ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ފަސް ނުޖެހޭނެކަން ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާއިން މިވަނީ ސާބިތުކޮށްދީފައެވެ.
ހެންވޭރު އަބަދަށްފެހިމަގުގައި ހުރި ގެތަކުގައި ރޯވުމާއެކު މަޖީދީ މަގުގެ އޮލިޕަސް ހިސާބުން ފެށިގެން އާންމު ރައްޔިތުން މުޅި ހިސާބު ފުރާލި ނަމަވެސް ކަމާބެހޭ އެންމެހައި ވުޒާރާތަކުން މަސައްކަތް ކުރިއަށް ގެންދިޔައީ ރައްޔިތުންނާއި ގުޅިގެން ވަރަށް ވެސް ރޭވުންތެރިކަމާއެކުއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަލިފާން ނިއްވުމުގެ މަސައްކަތުގައި މަސްއޫލުވެއުޅުނު ފުލުހުން ދިޔައީ ބައެއް އާންމު ރައްޔިތުން އެސަރަހައްދުން ދުރަށް ޖެއްސާއި ޓްރެފިކްގެ މަސައްކަތް ކުރަމުންނެވެ.
ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން އަދި ބައެއް އާންމުން ގުޅިގެން ގެތަކުން މީހުންނެރި ހުސްކުރިއެވެ. އަދި އެސަރަހައްދުގައި ހުރި ވެހިކަލްތައް ނަގައި މުޅި ސަރަހައްދު ސާފުކުރީ ވެސް ހީވެސް ނުކުރާހާ އަވަހަށްށެވެ.
އެކުވެރިކަމުގެ ލާމަސީލު މިސާލު ދައްކުވައިދިން މިހާދިސާގައި ސަލާމަތީ ބާރުތަކުން ކަށިން ނެގި ހިތްވަރަށް އައްސަރިބަހާ ސާބަސް ހައްގެވެ. މުޅި ސަރަހައްދުގައި އަލިފާންގަނޑު ފެތުރެމުންދިޔަ ވަގުތުގައި ބެލްކަނިތަކުންނާއި، ފުރާޅުމަތިންނާއި، ކުޑަދޮރުތަކުން ގެތަކުގެ އެތެރެއަށް ވަދެ މީހުން ސަލާމަތްކުރިއެވެ.
ފަޔަރމަނުން ކުރި މަސައްކަތަށް ތައުރީފްކުރައްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަންހެނަކާ، ކުޑަ ކުއްޖެއް އަދި ދުވަސްވީ މީހަކު އަލިފާން ރޯވެފައިވާ އިމާރާތެއްގެ ތެރެއިން ސަލާމަތް ކުރި ކަމަށާއި، ފަސްވަނަ ފަންގިފިލާގައި ފާހަނާގައި ތާށިވެފައި ތިބި ދެމީހުން ވެސް ސަލާމަތް ކުރި ކަމަށެވެ.
އެންމެ ފުރަތަމަ ތިން މީހުން އަރަންވެގެން އެރިއިރު އަންހެން ބޭފުޅަކާ ކުޑަ ކުއްޖަކާ ދުވަސްވީ ފިރިހެނެއް ސަލާމަތް ކުރުމަށް. ވަކި ހިސާބަކަށް އަންހެން ބޭފުޅާ ވަޑައިގެންފަ ދެން އެބޭފުޅާ ނުހިންގެވޭނޭ ވިދާޅުވީމަ އަތަށް ލައްވައިގެން ގެންނަވަންޖެހޭ ގޮތަށް އެބޭފުޅާ ތިރިއަށް ގެންނެވި. އެހިސާބުން ދުމުގެ އަސަރާ ހުރިހާ އެއްޗެއް ހުރި ގޮތުން ތިރިއަށް ގެންނެވި ފަޔަރގެ ހަރަކާތްތެރިވި ބޭފުޅާ ވެސް ކޮލެޕްސްވީ ކަމަށް. އެބޭފުޅާ ގެންދަން ޖެހުނީ އޭޑީކޭ ހޮސްޕިޓަލަށް. އެހާވެސް ނުރައްކާތެރި މާހައުލެއްގައި ފަޔަރ ބޭފުޅުން ހަރަކާތްތެރިވަމުން ވަޑައިގަތީ.މިނިސްޓަރު މާރިޔާ ވިދާޅުވި
މިނިސްޓަރު މާރިޔާ ވިދާޅުވީ މުޅި ހިސާބުގައި އަލިފާންގަނޑު އޮތްއިރު ފަޔަރމަނުން މަސައްކަތް ކުރީ އަލިކަމެއްނެތި ވަރަށް ބިރުވެރި މާހައުލެއްގައި ކަމަށެވެ. އިމާރާތްތަކުން މީހުން ނެރެވޭނެ ގޮތްތައް ބަލައި އެތައްފަހަރަކު އިމާރާތަށް އަރާފައިބައި ހެދިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ އެބޭފުޅުން ވީ ގުރުބާނީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެވިއެވެ.
ގައުމަށް ދިމާވާ ކޮންމެ ހާދިސާއެއްގައި ވެސް ސަލާމަތީ ބާރުތަކުން އާންމު ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަންނަނީ އެބޭފުޅުން އާއިލާތައް ގުރުބާންކޮށްފައެވެ. ދުވާލެއް ރޭގަނޑަށް ބެލުމެއްނެތި އަމިއްލަ ފުރާނަ އައްޑަނައަކަށް ހަދާއިގެން މަސައްކަތްކުރި މަންޒަރު ހުކުރުދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއިން ފެނިގެންދިޔައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދެއްކެވި ހިތްވަރަށް އާންމު ރައްޔިތުން ދަނީ ޝުކުރުގެ ބަސްތައް ބަރުތީލަކުރަމުންނެވެ. އެއީ ހަގީގީ ގައުމީ ބަތޮލުންނެވެ. ސުޕަ ހީރޯއިންނެވެ.