މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ އާއި ބައްދަލު ކުރައްވައިފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގެ ޑިއައޯޔުޓާއި ސްޓޭޓް ގެސްޓްހައުސްގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ވާންގް ވަނީ މިނިސްޓަރ ޝާހިދު ޗައިނާއަށް ވަޑައިގެންނެވީތީ މަރުހަބާ ވިދާޅުވެ، ދިވެހިރާއްޖެއާއިއެކު ޗައިނާއިން ބާއްވަމުން އަންނަ ގުޅުން އަބަދުވެސް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިނިސްޓަރ ޝާހިދު ވަނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި ޗައިނާ ސަރުކާރާއި ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ "ވަން ޗައިނާ" ޕޮލިސީ ދަމަހައްޓައި، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވް" އަށް ދިވެހިރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.
އަދި ދިވެހިރާއްޖޭގެ ތަރައްގީއަށް، ހާއްސަކޮށް ސިނާއީ ތަރައްގީއަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް، ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު ދެންނެވިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގެންފައި ވަނީ ޗައިނާގެ ފޮރިން މިނިސްޓަރގެ ދައުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދުއާއި، ޑިރެކްޓަރ ކޮމިއުނިކޭޝަން މިއުވާން މުހައްމަދުގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ ބައްސާމާ ފާރޫޤު ބައިވެރިވެވަޑައިގަންނަވައެވެ.