ކ. މާލެ
|
18 ސެޕްޓެންބަރ 2019 | ބުދަ 19:15
ބިދޭސީ މަސައްކަތު މީހުންތަކެއް - އިގްތިސާދުގައި ހިއްސާ ބޮޑު
ބިދޭސީ މަސައްކަތު މީހުންތަކެއް - އިގްތިސާދުގައި ހިއްސާ ބޮޑު
އަޝްވާ ފަހީމް
މަގޭ ރިޕޯޓް
ނުގަވައިދުން އުޅޭ ބިދޭސީންނަށް ޒައިތޫނި ފަތްކޮޅެއް: މައްސަލަ ހައްލުވާނެބާ؟
ސަރުކާރުން އެޅީ ގާނޫނީ އިމުގެ ތެރެއަށް ބިދޭސީން ގެންނަން މުހިންމު ފިޔަވަޅެއް
ރާއްޖޭގެ އިގްތިސާދުގައި ބިދޭސީންގެ ހިއްސާ ބޮޑު

މި ރާއްޖޭގައި ބިދޭސީ މަސައްކަތު މީހުން ގިނަވެގެން އެކަމާ ކަންބޮޑުވާ ފަރާތްތައް ގިނައެވެ. ރާއްޖޭގެ ރަށެއްގައި އިންސާނެއްގެ ހިލަމެއް ވާނަމަ އެތަނެއްގައި ބިދޭސީއަކު ހުންނާނެކަން ހަމަ ކަށަވަރެވެ. އެހެންކަމުން ކަންބޮޑުވާ މީހުން ކަންބޮޑު ވަނީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ދިވެހިންގެ އިގްތިސާދުގެ ހުރިހާ ހިސާބެއްގައި ވެސް ބިދޭސީންވަނީ ވަކި ހިއްޕާލާފައެވެ. އެވެރިން ފޮނުވާލައިފިނަމަ ގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހޭ ހިސާބުގައެވެ.

ދިވެހިން ރުހުނަސް ނުރުހުނަސް ހަގީގަތަކީ ވެސް އެއީއެވެ. އިގްތިސާދީ މާހިރުން މިކަމުގައި އިއްތިފާގުވެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގަބޫލު ނުކުރެވޭނަމަ ކުޑަ މިސާލެއް ދަންނަވާލާނަމެވެ. ކޮންމެ އިގްތިސާދެއްގެ ދުވެލި ވިލަރެސް ކުރުމުގައި އެންމެ ބޮޑަށް ބަލާ އެއް ދާއިރާއަކީ އިމާރާތްކުރުމުގެ ސިނާއަތް ނުވަތަ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓަށެވެ. މިރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް މުޅިންހެން ބަރޯސާވެފައި އޮންނަނީ، ބިދޭސީ މަސައްކަތު މީހުންނަށެވެ. މިމަސައްކަތް ކުރާނެ ދިވެއްސަކު ހޯދަން އަތްފުނާ އެޅިޔަސް ހަމަ ނުފެންނަނީއެވެ. ދެން މިގައުމުގައި ތިބި ބިދޭސީ މަސައްކަތު މީހުން ގައުމުން ފޮނުވާލައިގެން ވާނެގޮތެއް އަމިއްލަފުޅަށް ސިފަކޮށްލައްވާށެވެ.

މިސަރުކާރު ފައި ވިއްދާފައި އޮތީ، ބިދޭސީ މަސައްކަތުމީހުންގެ މައްސަލައަށް ހައްލު ކުރުމަށެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މަޖިލީހުން ބޮޑު އަގުލަބިއްޔަތެއް ހޯދައިގެން ތިބި އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯގެވެސް މުހިންމު ނުކުތާއެކެވެެ. މިކަމުގެ ޒިންމާ މަތިކުރެވުނު އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ ވަނީ، ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ. ކެބިނެޓުގެ ފުރިހަމަ ރުހުމާއެކު، އެމިނިސްޓްރީން ހުށައެޅި ހުށައެޅުންތައް ހައްލުކުރަން ރައީސް ސޯލިހު އެވަނީ ޓާސްކް ފޯސްއެއް ވެސް އުފައްދާފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އެވަނީ ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީންނަށް، ގަވައިދަށް އަނބުރާ އައުމަށް ޒައިތޫނި ފަތްކޮޅެއް ދިއްކޮށްލައްވާފައެވެ. އަދި ވަގުތީ ގޮތުން އަހަރު ދުވަހަށް ބަންގްލަދޭޝްއިން މަސައްކަތް މީހުން ގެނައުން މަނާކޮށްފައެވެ. އަދި ބަޔަކު އިތުރު މަސައްކަތު މީހުން ބޭނުންވެއްޖެ ނަމަ، އެ މިނިސްޓްރީގައި އަލަށް ރަޖިސްޓްރީކުރާ ނުގަވައިދުން އުޅޭ ބިދޭސީންގެ ތެރެއިން ބަޔަކު ލިބޭނެކަމަށްވެސް ބުނެފައެވެ. އަދި އެތަނުން އެއްބަޔަކު އެއުޅޭ ލާއިންސާނީ ހާލަތުން ސަލާމަތްކޮށް، ވަޒީފާދޭ ފަރާތުން ދިރިއުޅެން ފޯރުކޮށްދޭ ތަންތަނުގައި ހުންނަން ޖެހޭނެ އާންމު މިންގަނޑުތަކެއް ވެސް ކަނޑައަޅާފައެވެ. ކޮންމެ ގައުމަކަށް ވެސް އެތެރެކުރެވޭ މަސައްކަތު މީހުން (އަންސްކިލްޑް ލޭބަރަރސް) ގެ އަދަދު ލިމިޓު ކޮށްފައެވެ. ހައްތަހާވެސް ރަނގަޅު ނިންމުމެވެ.

މިރާއްޖެއަށް މިއަދު ބޮޑުވެފައިވާ މައްސަލައަކީ ބިދޭސީން ގިނަވެގެން ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ބިދޭސީ މަސައްކަތު މީހުންގެ ބެލެނިވެރި ފަރާތެއް ނެތި އެވެރިން ކުރާ ކަމަކާ ޒިންމާވާނެ ފަރާތެއް ނެތި އުޅޭނެހޭ ގޮތަކަށް އުޅެން ދޫވެފައި އޮތުމެވެ. ދަޅަ ދައްކައިގެން ބޮޑެތި އަދަދުން ފައިސާ ނަގައިގެން އެވެރިންނަށް "ދޯކާ" ދިނުމަށް ފަހު، މަގުމައްޗަށް ސަލާން ޖަހަން ދޫކޮށްލާފައި އޮތުމެވެ. ސަރުކާރުން މިއެޅީ މިކަމުގައި ކުރިޔަށް އެއް ފިޔަވަޅެވެ. އުއްމީދަކީ ފަހަތު ފަޔަށް ބުރަނުވެ މިމައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމެވެ. އަދި ދަންނަވަންތޯއެވެ. މިކަން މިހިސާބުން ނިމުނީކަމަށް ހީކޮށްގެން ނުވާނެއެވެ. މިކަން ވެގެން ދާނީ މިމައްސަލަ ހައްލުކުރަން ފެށުމުގެ ބިންގަލަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް