ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އެއް ތަނބުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ އިނާމުދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން އެންމެ މުހިއްމު އެއް ހައްގަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ.
ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް ގައުމުގެ ކަންކަން އިސްލާހު ކުރުމުގައި ނޫސްވެރިންގެ މަސައްކަތް ވަރަށް މުހިއްމު ކަމަށާއި ޑިމޮކްރަސީގެ ހަރުދަނާ އުސޫލުގެ މަތިން ބިނާ ކުރަނިވި ގޮތެއްގައި ފާޑުކިޔާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުން އަންނަ ބަޔަކީ ނޫސްވެރިންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރައްޔިތުން އުފެއްދި ވެރިކަން ނުވަތަ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ރައްޔިތުން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އެ ދައުރު އަދާކުރާ ބަޔަކީ ނޫސްވެރިން ކަމަށެވެ. ދައުލަތުގެ ކަންކަމާއި ސަރުކާރު ހިނގަމުންދާ ގޮތުގެ މައްޗަށް ހިޔާލުފާޅުކޮށް ފާޑުކިޔުމުގެ ތެރެއިން، ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓާ މީޑިއާއެއް އޮތުމަކީ ޑިމޮކްރަސީއެއް އުފެދި އަށަގެންނެވުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ނައިބު ރައީސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެށުމުގެ ކުރިން ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި އެކަން އޮތީ ވަރަށް ބޮޑަށް ހިފެހެއްޓި ކަސްތޮޅު އެޅުވިފައި ކަމަށާއި ހިޔާލުފަޅުކުރުމުގެ މިނިވަންކަން އޮތީ އެހައްގު އެއްވެސް ވަރަކަށް ނެތޭ ބުނަހާ މިންވަރަށް ހަނިކޮށްފައި ކަމަށެވެ.
އަޅުގަނޑުމެން އޭރުވެސް ގަބޫލުކުރީ އެއީ އަދި ރަނގަޅު ގޮތެއް ނޫން ކަމަށް، އަޅުގަނޑުމެން އަބަދުވެސް މިބުނަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން ގައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެއޭ އަދި ސަރުކާރު ހިންގަން ތިބޭ ބަޔަކަށް އެކަމުން ލިބޭނެ ފަސޭހައެއްވެސް ނޯންނާނެއޭނައިބު ރައީސް ފައިސަލް ނަސީމް
ނުސްވެރިކަމުގެ މިނިވަންކަމުގެ ހައްގު މިހާރު މިއޮތް ސަރުކާރުން ރައްކަތެރިކޮށްދީފައިވާނެ ކަމަށާއި އެކަން ކަށަވަރު ކުރުމަށް އަދިވެސް އިތުރު ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ކަންކަމަށް ފާދުކިޔުމަކީ ނޫސްވެރިންގެ އެންމެ ބޮޑު އެއް ޒިންމާ ކަމަށާއި މީޑިއާއަކުން ސަރުކާރަށް ފާޑު ކިޔަނީ ސަރުކާރާއި ދެކޮޅުވެރިވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންގެ ފާޑުކިޔުންތަކުގެ އަލީގައި ކަންކަން ރަނގަޅުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.