Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 19:40
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަސް
ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ ހައްގުތައް ރައްކާތެރިކުރުން : ރައީސް ސޯލިހު
ހައްގުތައް ހިފެހެއްޓުމުން ގައުމަށް ލޮޅުން އަރައިގެން ދިޔަވަރު ވަޒަންކުރެވިއްޖެ : ރައީސް ސޯލިހު
ސަރުކާރުން ޑިމޮކްރެސީ ނަގަހައްޓައިދީ ހައްގުތައް ރައްކާތެރިކޮށްދޭނެ : ރައީސް ސޯލިހު
ޑިމޮކްރެސީ ފައްކާކުރަންވާނީ އަގީދާއާއި ސަގާފީ ހަމަތަކުގެ ތެރެއިން : ރައީސް ސޯލިހު

މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ގާނޫނޫ އަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތައް ހިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާ ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ ހައްގުތައް ރައްކާތެރިކުރުމުގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައިވަނީ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށާއި އަދުލުވެރިކަމާއި ހާމަކަމާއެކު، އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ނަގަހައްޓައިދިނުން ކަމަށެވެ. އަދި ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ހައްގު ރައްކާތެރި ކޮށްދިނުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ އަސާސީ ހައްގުތައް ނިގުޅައިގަނެ، މިނިވަންކަން ހިފެހެއްޓުމުން ގައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަންކުރެވިއްޖެ ކަމަށް ވިދާޅުވެ، ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއްވެސް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

Advertisement

ރައްޔިތުންގެ އަސާސީ އެތައް ޙައްޤެއް ނިގުޅައިގަނެ، އެތައް މިނިވަންކަމެއް ހިފެހެއްޓުމުން، ޤައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަންކުރެވިއްޖެ. ދައުލަތް ހިންގުމުގެ ނިޒާމު ފާލުން ނެއްޓި، މުއައްސަސާތައް ބަލިކަށިވެ، އެކަންކަމުގެ ގެއްލުންވެސް އިޙްސާސް ކުރެވިއްޖެ. ހަމައެފަދައިން ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރެސީގެ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާ ގޮތްވެސް، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ޢަމަލީ ގޮތުން ތަޖުރިބާކުރެވިއްޖެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ޑިމޮކްރެސީއަކީ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނަމަ، ކޮންމެ ގައުމަކަށް އަދި ކޮންމެ މުޖުތަމައަކަށްވެސް، އުޖާލާކަމާއި އުފާވެރިކަން ގެނެސްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑިމޮކްރެސީގެ ހަމަތަކަކަކީ އެބައެއްގެ އަގީދާއާއި ސަގާފަތާ ފުށުނާރާ ގޮތަށް ފައްކާކުރެވޭނެ ހަމަތަކެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، ޑިމޮކްރެސީއަކީ ކޮންމެ ޤައުމަކަށް އަދި ކޮންމެ މުޖްތަމަޢަކަށްވެސް، އުޖާލާކަމާއި އުފާވެރިކަން ގެނެސްދޭނެ ހަމަތަކެއް. އަދި އެއީ އެބައެއްގެ ޘަޤާފަތާއި، އެބައެއްގެ ޢަޤީދާއާ ފުށުނާރާ ގޮތަށް، އެ މުޖުތަމަޢަކަށް ފައްކާކުރެވޭ ހަމަތަކެއް. މި އުޞޫލުން، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ. އަދި ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ގައުމު ހިންގުން ކަމަށާއި، ގައުމެއްގެ ވެރިކަން ބިނާވެފައި އޮންނަނީ އެންމެހާ ފަރުދުންނާއި މުއައްސަސާތައް ގާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މިކަމުން ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން ގޮސް ކޮންމެ ފަރުދަކުމެ އިސްތިނާއެއް ނެތި ޝާމިލްވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ޑިމޮކްރެސީ ދުވަހުގެ ޝިއާރަކީ ބައިވެރިވުން (ޕާޓިސިޕޭޝަން) އެވެ. ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަން ނިންމާފައިވަނީ 2007 ވަނަ އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު ރިޒޮލޫޝަންއެއްގެ ދަށުންނެވެ.

Advertisement

Advertisement
- ކޮމެންޓް