ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގައި ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ކުރިޔަށްދާތީ އާދީއްތަ ދުވަހު އެ ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ ޝަރީއަތެއް ކެންސަލް ކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ރާއްޖެއެމްވީއަށް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިމާރާތުގައި ކަތުރު ފަނި އަޅާފައިވާތީ އެ ފިލުވުމަށް ބޭސް ޖަހާފައިވާ ކަމަށެވެ. އެހެންކަމުން އެ ކޯޓުގެ އާދީއްތަ ދުވަހުގެ ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ކްރިމިނަލް ކޯޓުގެ އާދީއްތަ ދުވަހުގެ ޝަރީއަތްތައް ކެންސަލް ކުރި ނަމަވެސް ބަންދުގެ މުއްދަތު ޖެހުން ޖަސްޓިސް ބިލްޑިންގްގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަތުރުފަނީގެ މައްސަލަ ކްރިމިނަލް ކޯޓުގެ ތެރޭގައި ބޮޑުވެފައިވާއިރު އެ ކޯޓުގައި ނުނިމި ގިނަ މައްސަލަތަކެއް ދިގުލައިގެން ގޮސްފައިވާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވައިލި ރިޕޯޓުގައި ވަނީ ބުނެފައެވެ.
އެ މައްސަލަތައް ބެލުމަށް ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓުގެ ތެރެއިން ކޮންމެ ކޯޓަކުން ދެ ގާޒީން ވަގުތީ ގޮތުން ނެގުމަށް ޖޭއެސްސީގެ ރިޕޯޓުގައި ލަފާ ދީފައިވެއެވެ. ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައެއް ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.