މަރާލާވިފައިވާ ޒުވާނާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ އާއިލާއަށް އިންޞާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ވަޑއިގަތުމުން ރަށުގެ ރައްޔިތުން ރައީސްއާ ވަކިން ބައްދަލުކޮށް ޚާއްޞަ މައްސަލައެއްގެ ގޮތުގައި، އަނަސްގެ މަރުގެ މައްސަލަ ފާހަގަކޮށް އެ މައްސަލަ ބައްލަވައި ދެއްވައި އިންޞާފު ހޯއްދަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ.
އަނަސްގެ އާއިލާ އާއި ރަށުގެ ހެޔޮއެދޭ ރައްޔިތުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މައްސަލަ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންގެންދާ ކަމަށާއި އަނަސްގެ ޢާއިލާއަށް އިންޞާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ މީދޫ ކައުންސިލަރުންނާއި އެ ރަށުގެ މުޢައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ބުދަ ދުވަހު މެންދުރު މީދޫ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުން ފައްޓަވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި މުޢައްސަސާތަކާ މިގޮތަށް ގާތުން ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ކައުންސިލާއި ރައްޔިތުންނާއި ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅުންހުރި ކަންކަން ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކާއި މުޢައްސަސާތަކުން ބޭނުންވާ ކަންކަމާއި އެކަންކަން ކުރިއަށް ގެންދިއުމުގައި އެބޭފުޅުން އިސްކަންދެއްވާ ތަރުތީބު އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.
ލާމާރުކަޒީ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ކަންކަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފަސޭހަ ތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމާއި މި އިޞްލާހުތަކާއެކު ކައުންސިލުތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ މަޢުލޫމާޠު ކައުންސިލުތަކާ ޙިއްޞާ ކުރެއްވުމަކީ ވެސް މި ބައްދަލުކުރެއްވުމުގެ އެއް ބޭނުންފުޅު ކަމުގައި ރައީސް ވިދާޅުވިއެވެ.
ބައްދަލުވުމުގައި ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.
އެގޮތުން ރަށުގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމާއި، ކުނީގެ މައްސަލަ ޙައްލުކުރުމާއި، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމުގެ އިތުރުން ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާބެހޭ މަޢުލޫމާތު ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުން ރައީސުއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ މަގުތައް ހެދުމާއި ރަށުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރުމަށް ރައްޔިތުން ބޭނުންވާކަން އެބޭފުޅުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގައި އިޖްތިމާޢީ ގޮތުން ޙަރަކާތްތެރިވާ ޖަމުޢިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާއި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ މިނޫން އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ކައުންސިލަރުންނާއި މުޢައްސަސާ ތަކުގެ އިސް ވެރިން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.