Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2019 | އަންގާރަ 17:15
ނަޖާހު(ކ) އަދި ޝީރީން
ނަޖާހު(ކ) އަދި ޝީރީން
ސޯޝަލް މީޑިއާ
ހައި ކޯޓު
ޝީރީން މަރާލިކަމަށް ދައުވާ އުފުލި ނަޖާހު ދޫކޮށްލައިފި
އަންގާރަ ދުވަހު ހައިކޯޓުގައި ބޭއްވި ޝަރީއަތަށް ނަޖާހު ހާޒިރު ވެފައެއް ނުވޭ

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ދޫކޮށްލައިފިއެވެ.

ނަޖާހު ދޫވިކަން ހާމަވީ އަންގާރަ ދުވަހު ހައިކޯޓުގައި އޮތް އިސްތިއުނާފު އަޑުއެހުމުގައި އޭނާ ހާޒިރުވެފައި ނުވުމުން އެކަމާއި ގުޅިގެން ނަޖާހު މިނިވަން ވެފައިވާ ކަމަށް ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވުމުންނެވެ.

ޝީރީން މަރާލުމުގެ ތުހުމަތުގައި ނަޖާހުގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރިކަމުގެ ތުހުމަތެވެ. ޝީރީން މަރާލާފައި އޮއްވާ ފެނުނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޝީރީން މަރާލާފައިވާ މައްސަލައިގައި ނަޖާހުގެ މައްޗަށް ދައުވާ އުފުލުނު ނަމަވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމާއެކު ދައުލަތުން އެމައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

Advertisement

އަންގާރަ ދުވަހު ހައިކޯޓުގައި ބޭއްވި ޝަރީއަތަށް ނަޖާހު ހާޒިރު ވެފައެއް ނުވެއެވެ.

އިސްތިއުނާފުގެ ޝަރީއަތަށް ނަޖާހު ހާޒިރުކުރުމަށް ކަރެކްޝަނަށް ޗިޓު ފޮނުވުމުން އާދީއްތަ ދުވަހު އެ ކޯޓަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރިން ކޮށްފައިވާ ހުކުމާއެކު މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމަށް ރައީސަށް ލިބިދޭ ބާރުގެ ދަށުން ނަޖާހު އެޕްރީލް މަހުގެ ތެރޭގައި މިނިވަން ވެފައިވާ ކަމަށެވެ. ނަޖާހު ދޫވީ އޭނާ ތަންފީޒު ކުރަމުން އައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްވާފައިވާ ޖަލު ހުކުމަކަށް ރައީސް މާފު ދެއްވުމުންނެވެ.

މިސަރުކާރު ވެރިކަމަށް އައިފަހުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 201 ގައިދީއެއްގެ އަދަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއި ކޮށްދެއްވާފައިވަނީ އެޕްރީލް މަހުގެ ތެރޭގައެވެ. އަދަބު ލުއިކޮށްދީފައިވަނީ ޝަރުތުތަކާއި އެކުއެވެ. އޭގެ ތެރޭގައި ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ފުރިހަމަވުމާއި އަހްލާގު ރަނގަޅުވާން ޖެހޭނެކަމަށް ވަނީ ޝަރުތު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް