ނިމިދިޔަ އޮގަސްޓް މަހުގެ 24 ގައި ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ވަގަށް ވެހިކަލްތަކެއް އެތެރެކުރި މައްސަލައާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ދެ އޮފިސަރުން ސަސްޕެންޑް ކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މައްސަލަ ބަލައި މައްސަލައިގެ ތަހުޤީޤު ނިމެންދެން ދެ އޮފިސަރުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އޮގަސްޓް 24 ގައި ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު 2 ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް އެތެރެކުރަމުންދާކަމުގެ މައުލޫމާތު ލިބުމުން ކަސްޓަމްސްއާ މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު އޮޕަރޭޝަނުން މިހާތަނަށް 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އެގޮތުން މިވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586،000 (ފަސްލައްކަ އަށްޑިހަ ހަހާސް) ރުފިޔާއަށް އަންދާޒާ ކުރެވޭއިރު މިތަކެތީގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 (ފަސްލައްކަ ފަންސާސްއަށް) ރުފިޔާ ލިބެންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އެކަމާގުޅޭގޮތުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަހުމަދު ނުއުމާނު ކުރެއްވި ޓްވީޓެއްގައި ވަނީ މިފަދަ މައްސަލަތައް ތަހުޤީޤު ކުރުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، އެއްވެސް މައުލޫމާތެއް ސިއްރު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
investigation of vehicle smuggling case is ongoing in collaboration with our partner customs administrations elsewhere.
— Numan (@ahdnmn) August 31, 2019
and there will not be any compromises in the investigation, nor will there be any concealment of information. #zerotolerancetocorruption
އޭގެ އިތުރުން، މިފަދަ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމްކޮށް ނެގެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.