އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު 3 އަސާސްގެ ތެރެއިން އެއް އަސާސެވެ. ޚާރިޖީ ސިޔާސަތު ތަންފީޒުކުރާ ފޮރިން މިނިސްޓްރީގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވެފައި އޮތީ މި މަސައްކަތެވެ. ވޭތުވެދިޔަ ސަރުކާރުން އިންސާނީ ހައްޤުތަކަށް އަރައިގެންފައިވާލެއް ބޮޑުކަމުން، އިންސާނީ ހައްޤުތަކުގެ ވާހަކަ ދައްކަން ދުނިޔޭގެ ކުރިމައްޗަށް ނިކުތުން ވެގެންދާނީ ހަމަގައިމުވެސް މިސަރުކާރާއި، ސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ.
މަޤާމާއި ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެން، އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރާއި، އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލާއި ބައްދަލުކުރެއްވިއެވެ. ރައީސް ސޯލިޙްގެ ސަރުކާރުން އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ޖެނީވާގައި ތިއްބެވި ބޭފުޅުންނަށް ދެއްވިއެވެ. އަދި ރާއްޖެއަށް އިންސާނީ ހައްޤުތަކާއި ބެހޭ މުޝީރަކު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދުގެ އެދަތުރުފުޅުގައި އދގެ އެކިއެކި ސްޕެޝަލް ރެޕަޓުއަރއިންނަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު ދެއްވިއެވެ. ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން އދ އާއި ގުޅިގެން ކުރި މަސައްކަތްތައް މަދުކޮށްފައިވުމުން އަލުން އަނެއްކާ އެމަސައްކަތް ފެށުން ވެގެން ދިޔައީ އުނދަގޫ މަސައްކަތަކަށް ކަމަށް ޚާރިޖިއްޔާގެ ބޭފުޅަކު ވިދާޅުވިއެވެ.
އުނދަގޫތަކަކާއިއެކު ނަމަވެސް، މިހާރު ކުރަމުންދާ މަސައްކަތުން ނަތީޖާ ނިކުންނަކަން އެދަނީ ފެންނަމުންނެވެ. އިއްޔެ ފެށުނު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 42 ވަނަ ބައްދަލުވުމުގެ ކުރިން އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ މިޝޭލް ބެޝެލޭ، ޖެނީވާގައި ތިއްބަވާ ޤައުމުތަކުގެ މަންދޫބުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖެ ސިފަކުރައްވާފައިވަނީ އިންސާނީ ހައްޤުތަކާއި ބެހޭ 'ސަކްސެސް ސްޓޯރީ" އެއްގެ ގޮތުގައެވެ. ސަރުކާރުން އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް އެދަނީ ބަލައިގަންނަމުންނެވެ.
އިންތިޚާބު ކާމިޔާބުކުރުމަށްފަހު އެމްޑީޕީއިން އެންމެ ފުރަތަމަ ފެށި މަސައްކަތަކަށްވީ ޤާނޫނީ ނިޒާމް ބޭނުންކޮށްގެން ގެއްލުވާލާފައިވާ ހައްޤުތައް އަލުން އަނބުރާ ހޯދައިދިނުމެވެ. އެގޮތުން އެމަނިކުފާނު މަޖިލީހުގައި ކުރައްވާ ފަހު މަސައްކަތެއްގެ ގޮތުން މިހާރުގެ ޚާރިޖީ ވަޒީރު، އޭރުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތަކީ ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމަށް ޕީޕީއެމްއިން އެކުލަވާލި ޚިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމާއި ބެހޭ ޤާނޫނު އުވާލުމުގެ މަސައްކަތެވެ. މީގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމަށް ނިމިދިޔަ ސަރުކާރުން ޤާނޫނުތަކަށް ގެނެސްފައި ހުރި ބަދަލުތައް އަލުން އަނބުރާ އެހައްޤުތައް ލިބިދެވޭ ގޮތަށް ބަދަލުކުރަމުން އެބަދެއެވެ.
އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމުގެ ތެރެއިން ތަންފީޒުކުރަން ޖެހޭ ބައެއް މުއާހަދާތަކުގައި ރާއްޖެއިން ބައިވެރިނުވެ އެބަހުއްޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމުއާހަދާތައް ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.
އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ރާއްޖެއަކީ މިސާލެއްކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ ވިދާޅުވުން އެއީ ކުޑަކަމެއް ނޫނެވެ. އަދި މަސައްކަތް އެހާ ހިސާބުން ނިންމާލައިގެންވެސް ނުވާނެއެވެ.
އިންސާނީ ހައްޤުތައް ހިމާޔަތްކުރާ ޤައުމުތަކުގެ ލިސްޓުގެ ކުރިއަށް ރާއްޖެއަށް އެރޭނީ ވަކިވަކި ފަރުދުންނާއި ޖުމްލަކޮށް ޖަމާޢަތުގެ ގިނަ ހައްޤުތަކެއް ކަށަވަރުކޮށް، އެ ހައްޤުއް ހިމާޔަތްކުރަން ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އިންސާފު ޤާއިމްކޮށްގެންނެވެ. ޖުޑީޝަރީ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކޮށް، އަވަސްކޮށްގެންނެވެ. ރިލްވާނާއި ޔާމީނަށާއި މަރުވެ ނުވަތަ ގެއްލިފައިވާ އެހެން މީހުންނަށްވެސް އަވަސް އިންސާފެއް ހޯދައިދީގެންނެވެ. އެމަސައްކަތް އެމަގުން ހިނގާނެކަމުގެ ޔަޤީންކަން ރައީސް ސޯލިޙް އެވަނީ ދެއްވާފައެވެ