ތަޖުރިބާ ދަތުރެއްގައި ކ. ހުރައަށް ދިޔަ ހިރިޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރަކާއި އެސްކޫލުގެ ޕްރިންސިޕަލް ވ. ފެލިދޫ އަލީ ނާޒިމް ނިޔާވިތާ މިއަދަށް މިވަނީ އަށް އަހަރު ފުރިފައެވެ.
2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަކީ ހިރިޔާ ސްކޫލުގެ އިތުރުން ރާއްޖޭގެ ތާރީހުގައި ކަޅު ދުވަހެކެވެ. ކުއްލިގޮތަަކަށް ހިނގި މިހާދިސާއިން ގިނަބައެއްގެ ލޮލުން ކަރުނަ ފާއްދާލިއިރު، ހިރިޔާ ސްކޫލަށް ވެރިވެފައި އޮތް މޮޅިވެރިކަން ސިފަކުރަން ވެސް ދައްޗެވެ. ހިޔާލުވެސް ނުކުރާ ފަދަ ގޮތަކަށް ފަސް ފުރާނަ ނެތިގެން ދިޔައީ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
ހިރިޔާ ސްކޫލުގެ ފަރާތުން މި ދަތުރުގައި ޖުމްލަ 32 ދަރިވަރުން ބައިވެރިވީއިރު އެ ދުވަހު މިހާދިސާ ހިނގި ވަގުތު މޫދަށް އެރި އުޅުނީ އޭގެތެރެއިން ހަތް ކުދިންނެވެ. އެކުދިން މޫދުގައި ތިބެ މަޖާކުރަމުންގޮސް ތިލަ ހިސާބު ފަހަނައަޅާ، ފުން ހިސާބަށް ދެވި ގެނބެން ފެށުމުން ސަލާމަތަށް އެދި ރޮއި ހޭރި ހެދިއެވެ. ކުދިންގެ ރުއިމުގެ އަޑު އިވުމާއެކު ސްކޫލުގެ އޭރުގެ ޕްރިންސިޕަލް އަލީ ނާޒިމް އެސަރަހައްދަށް ދިޔައީ ކަންވާނެގޮތް އެއްގޮތަކަށްވެސް އެނގިގެނެއްނޫނެވެ. އޭނާގެ ލޮބުވެތި ދަރިވަރުން ހިމާޔަތް ކުރާށެވެ.
ކަންވީގޮތުން ނާޒިމްއަށް ސަލާމަތް ކުރެވުނީ އެކުދިންގެ ތެރެއިން ހަތަރު ކުދިންނެވެ. އަދި ދަރިވަރުންތައް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ހުދު ނާޒިމް ވެސް ދުނިޔެއާއި އަލްވަދާއު ކީއެވެ. ނަމަވެސް ދިޔައިރު ދިޔައީ ތިން ކުދިންގެ ފުރާނަ ސަލާމަތް ކޮށްފައެވެ. އެންމެފަހުން މޫދުން ނަގާފައިވަނީވެސް ޕްރިންސިޕަލް ނާޒިމްއެވެ. އޭނާ ދުނިޔެ ދޫކޮށް ދިޔައީ އޭނާގެ ދަރިވަރުންގެ ހައްގުގައެވެ. އެކަމުގައި ފަހަތަކަށް ނުޖެހެއެވެ.
މި ހިތާމަވެރި ހާދިސާގައި ޕްރިންސިޕަލްގެ އިތުރުން ދެން ނިޔާވެފައިވަނީ އެ ސްކޫލުގެ ދަރިވަރުންގެ ގޮތުގައި ތިބި ހއ. ހޯރަފުށީ ސުވާސާގެ މަރިޔަމް ނާޒު، ގއ. ދެއްވަދޫ މީނާޒު، ހަނދުވަރީވިލާ ރ. ރަސްމާދޫ އައިޝަތު ސާނިހާ މުހައްމަދު ނަސީރު އަދި މ. މޮއިޝާ މަރިޔަމް ޝައިހާއެވެ. އެމީހުންގެ ހަށިތައް ވަޅުލާފައިވަނީވެސް ކައިރި ކައިރީގައެވެ. ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވީއިރު ގިނަ މީހުން ތިބީ އެއްޗެއް ބުނަން ވެސް ނޭނގޭ ހާލުގައެވެ. ޕްރިންސިޕަލާއި، ނިޔާވި ކުދިންގެ އާއިލާއާއި އެކުވެރިންގެ ލޯމަތިން، ނިޔާވި މީހުން ގެއްލިގެންދިއުމަކީ ކިހާ ބޮޑު ވޭނަކަށް ވާނެކަން ހިޔާލަށް ވެސް ނުގެނެވޭނެއެވެ. ދަތުރަކަށް ފޮނުވި މައިންބަފައިން އެމީހުންގެ ދަރިން، ދަތުރެއްގޮސް ދެން އެނބުރި ދުވަހަކު ވެސް ނާންނާނެއޭ ހިތަކަށް ނާރާނެކަން ޔަގީނެވެ.
ނިޔާވި ކުދިންނަކީ އަދި އެކުދިންގެ އުމުރު ދެބައި ނުވާ ކުދިންނެވެ. ދުނިޔޭގެ އެތައް ކަންކަމެއް ތަޖުރިބާ ކުރަން ނުލިބި އެފަދަ ގޮތަކަށް ނިމިދިއުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ. މިފަދަ އެހެނިހެން ހާދިސާތައްވެސް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. ކަނޑުވެގެން މަރުވުމަކީ އެކަމުގައި ވަކި ފަރާތަކަށް ތުހުމަތު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެފަދަ ކަންކަމުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅިދާނެއެވެ. މޫދަށް އެރިއުޅޭއިރު ފަތަން ދަސްކުރުމަކީ މިފަދަ ހާދިސާތަކުގައި ތިމާގެ އަމިއްލަ ރައްކާތެރިކަމަށް އެޅިގެންދާނެ އެންމެ ފުރަތަމަ ފިޔަވަޅެވެ.