އިންޑިއާ އިން ހަނދަށް ފޮނުވި ޗަންދްރަޔަން-2 ގެ މިޝަން ފޭލް ވުމުން އެކަމާއި އެންމެ ބޮޑަށް ހިތާމަކުރީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) ގެ ވެރިޔާ ކައިލަސަވަދިވޫ ސިވަން އެވެ.
ކޭ. ސިވަންގެ ޓީމުން އެ އުޅަނދު ހަނދަށް ފޮނުވާލުމަށް ކުރި މަސައްކަތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. އެ އުޅަނދާއި ދުނިޔެއާއި ދެމެދު އޮތް މުވާސަލާތީ ގުޅުން ކެނޑުމުން ސިވަން ފެންކަޅިވިއެވެ. އޭނާ އަށް ހިތްވަރު ދެއްވަމުން މޯދީ ވިދާޅުވީ، މުސްތަގުބަލުގައި އެ އެޖެންސީ އިތުރު ހަރުފަތަކަށް ޖެހިލާނެ ކަމަށެވެ. ކޭ.ސިވަން އައިއެސްއާރްއޯގެ އިސްވެރިޔާ މަގާމަށް އައުމަށް ކުރި ދަތުރަކީ އެހެން މީހުން އެކަމުން މިސާލު ނަގަން ޖެހޭފަދަ ކަމެކެވެ. އޭނާ އަކީ ކުރިން އޭނާގެ ބައްޕައާއި އެކު ދަނޑުވެރިކަމުގެ މަސައްކަތް ކުރަން އުޅުނު މީހެކެވެ.
ސިވަން އަކީ ޓެމިލްނާޑުގެ ކަންޔަކުމަރީ ޑިސްޓްރިކްޓްގެ ވަރަށް އާދައިގެ ދަނޑުވެރި އައިލާއަކަށް އުފަންވި ބޭފުޅެކެވެ. ނަމަވެސް އޭނާގެ އަޒުމް ވަރުގަދަ ކަމުގެ ސަބަބުން މިހާރު އޭނާ އަކީ ދުނިޔޭގެ ނަން މަޝްހޫރު ސްޕޭސް ސައިންޓިސްޓެކެވެ. ސިވަން އަކީ އޭނާގެ އާއިލާއިން ގްރެޖުއޭޓްވި ފުރަތަމަ މީހާއެވެ. ކުޑައިރު ތަމަޅަ މީޑިއަމް ސްކޫލުން ތައުލީމް ހާސިލްކުރި ސިވަންގެ ބޮޑު ބޭބެ އޭނާ ސިފަކުރަނީ ވަރަށް ތޫނުފިލި އަދި އަމިއްލަ މަސައްކަތް ކުރާ ދަރިވަރެއްގެ ގޮތުގައެވެ. ސިވަން އަކީ އެއްވެސް އިރެއްގައި ޓިއުޝަނަށް ގޮސް އުޅުނު ދަރިވަރެއް ނޫނެވެ. ސްކޫލު ތައުލީމަށް ފަހު 1980 ވަނަ އަހަރު މެޑްރާސް އިންސްޓިޓިއުޝަން އޮފް ޓެކްނޮކްލެޖީސް އިން އިންޖިނިއަރިން އިން ޑިގްރީ ހާސިލް ކުރެއްވިއެވެ. 1982 ވަނަ އަހަރު އައިއެސްއާރްއޯ ގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވީ އިންޑިއަން އިންސްޓިޓިއުޝަން އޮފް ސައިންސް ބެންގަލޫރް އިން އެއިރޯ ސްޕޭސް އިންޖިނިއަރިން އިން މާސްޓާސް ހާސިލް ކުރެއްވުމަށް ފަހުއެވެ. އައިއެސްއާރްއޯ އިން އުފެއްދި ޕޯލާ ސެޓެލައިޓް ލޯންޗް ވެހިކަލް (ޕީއެސްއެލްވީ) ހެދުމުގެ މަސައްކަތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. 2014 ވަނަ އަހަރު އައިއެސްރާއޯގެ ލިކިއުޑް ޕްރޮޕަލްޝަން ސިސްޓަމް ސެންޓަރުގެ ޑައިރެކްޓަރު ކަމަށް ސިވަން އައްޔަންކުރިއެވެ. އޭގެ ފަސް އަހަރު ފަހުން 2018 ވަނަ އަހަރު އައިއެސްރާއޯގެ އިސްވެރިޔާގެ މަގާމަށް ވެސް ސިވަން އައްޔަން ކުރިއެވެ. އެއިރޮޓިކްސްގެ ދާއިރާގައި ވޭތުވި 39 އަހަރުގައި އޭނާ އަށް ވަނީ ގިނަ އެވޯޑްތަކެއް ލިބފައެވެ.
މިފަދަ ސައިންޓިސްޓަކާއެކު ދެން އޮތް ފަހަރަކުން ޗަންދްރަޔަން ފަދަ އެހެން އުޅަނދެއް ހަނދަށް ޖެއްސުމާއި އެފަދަ ރިސަރޗުތައް ހިންގުމަކީ ނުވާނެ ކަމެކޭ ހަމަގައިމުވެސް ނުބުނެވޭނެއެވެ. ކޭސިވަންގެ ކުޅަދާނަކަމުގެ ސަބަބުން އިންޑިއާއަށް އެފަދަ ފަހުރެއް ހަމަ ލިބުމަކީ އެކަށީގެންވާ ކަމެކެވެ.