ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާސަންދަ ކުންފުނީގެ މެންޑޭޓުން ބޭރުން ގިނަ މަސައްކަތްތަކެއްކޮށް، ސިޔާސީ ގިނަ ހަރަކާތްތަކަށް ކުންފުނީގެ ބަޖެޓުން ހަރަދު ކޮށްފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަރިޔަމް ޝަފީގް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ''މަގޭ ކުންފުނި'' ޕްރޮގްރާމްގައި މެނޭޖިން ޑިރެކްޓަރު މަރިޔަމް ވިދާޅުވީ ސިޔާސީ ހަރަކާތްތަކަށް ކުންފުނިން ހަރަދުކޮށްފައިވާ ކަމަށެވެ.
މަރިޔަމް ވިދާޅުވީ ހިތާނީ ކޭމްޕްއަށް ކުންފުނިން ހަރަދުކޮށްފައިވާ ކަމަށާއި، މުވައްޒަފުންތަކެއް ކެމްޕޭނަށް ނަގާ ކެމްޕެއިން އޮފީސްތަކުގައި މުވައްޒަފުން ލައްވާ މަސައްކަތްކުރުވުން ފަދަ ކަންކަން ކޮށްފައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ރަސްފަންނު ރަނިން ޓްރެކް އެޅުމަށް ކުންފުނި ބަޖެޓުން ޚަރަދުކުރުމާއި، ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރާ ދަތުރުތަކެއްގެ ނަމުގައި ކެމްޕޭނު ދަތުރުތައްކޮށް އެދަތުރުތަކަށް ކުންފުނިން ބޮޑެތި ހޭދަތަކެއް ކޮށްފައިވާ ކަމަށެވެ.
މިހުރިހާ ކަމެއް ވެސް ކުރެވިފައި ހުރީ ސީދާ ކުންފުނި ތެރެއިންނަށް ވުރެ ބޮޑަށް ކުންފުނިން ހިންގަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލު ތެރެއިންކަން ފާހަގަކޮށްލެވޭ. ހިތާނީ ކޭމްޕަށް ވެސް ސީދާ އާސަންދަ ސްކީމް ބަޖެޓުން ޚަރަދުކޮށްފައި އެބަހުރި، އަދި ބޭކާރު ގިނަ ޚަރަދުތަކެއް ކުންފުނީގެ ބަޖެޓުން ކޮށްފައި ހުރިކަން ވެސް ފާހަގަކޮށްލެވޭ. މިސާލަކަށް ބަލަންޏާ އެބަހުރި ބޭކާރު ގޮތުގައި އެތައް ބައިވަރު ވެހިކަލްތަކެއް ކުންފުންޏަށް ގަނެފައި.މަރިޔަމް ވިދާޅުވިއެވެ.
މަރިޔަމް ވިދާޅުވީ ކުންފުންޏަށް ކޮންމެހެން ބޭނުންނުވާ ބައެއް ތަންތަން ނުއަގުގައި ކުއްޔަށް ހިފުމާ، ބައެއް ގުދަންތައް 5 އަހަރަށް ކުލިދައްކާފައި ހުރުމާ، ބޭނުންނުވާ ވަރަށް ހުޅުމާލެއިން ގެސްޓްހައުސް ރޫމްތައް ހިފުން ފަދަ ވަރަށް ގިނަ ބޭކާރު ހަރަދުތައް ކޮށްފައިވާ ކަމަށެވެ.