ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ހިނގާފައިވާ މަރުތަކާއި ގުޅޭގޮތުން ހަގީގަތް ހޯދުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް ފުލުސް އޮފީހުން އެއްބާރުލުންދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަރުތަކުގެ ހަގީގަތް ހޯދުމަށްޓަކައި ހަމައެކަނި މަރުކޮމިޝަން ބާރުވެރިކޮށްގެން އެކަމެއް ނުވާނެ ކަމަށާއި އެކަން ހަރުދަނާ ކުރުމަށްޓަކައި ފުލުސް އޮފީހުން ވެސް އެ ކޮމިޝަނަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އަދި ފުލުސް އޮފީސް މެދުވެރިކޮށް ކޯޓު އަމުރު ހޯދަން ވެއްޖެނަމަ އެކަން ވެސް ކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ފުލުސް އޮފީހާއި މަރު ކޮމިޝަނަކީ ވެސް ތަހުގީގީ ބާރު ގާނޫނުން ދީފައިވާ ތަނަކަށް ވުމުން އެދެ ތަހުގީގީ އިދާރާއިން ވަކި ވަކިން މަސައްކަތް ކުރަން ވެއްޖެކަމުގައި ވާނަމަ ދެ އިދާރާގެ ބާރު ހަނި ވެދާނެ ކަމަށެވެ.
އެ އޮފީސް މެދުވެރި ނުކޮށް ހަމައެކަނި މަރުގެ ކޮމިޝަން މިކަންކަން ކުރުމަށް އިންތިޒާމް ކުރުމަކީ ފުލުސް އޮފީަހަށް ވެސް އޮތް ގެއްލުމެއް. އަދި މަރިުތައް އަޅުގަނޑުމެންނަށް ތިލަ ނުވާނެ ވެސް ސަބަބެއް.
ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ މިހާރު އޮތް ހާލަތުން ރިޔާސީ ކޮމިޝަނުން ފުލުހުން މެދުވެރިކޮށް ކަމެއް ކުރަން އުނދަގޫވާނެ ކަމަށެވެ.
ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައި މަރު ކޮމިޝަނުން ރިލްވާންގެ މަރުގެ ހަގީގަތް ހޯދުމަށް ކުރި މަސައްކަތުގައި ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިވަޑައިނުގެންނެވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރިލްވާން ގެއްލުވައިލީ ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ހިޔާލުގެ ބައެއްގެ ދެމެދުގައި ހިނގި އަރާރުމެއްގައި ކަން މަރު ކޮމިޝަނުން އާންމު ކުރި ރިޕޯޓުން ހާމަވާކަމަށެވެ. އަދި މީހުން މެރުމުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ބައިވެރިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރިލްވާން ގެއްލުވާލި މައްސަލާގައި ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތް ކުރި ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް އެޓަރނީ ޖެނަރަލް (އޭޖީ) އިބްރާހިމް ރިއްފަތު ފުލުހުންނަށް އަންގާފައި ވެއެވެ. ނަމަވެސް ފުލުހުން އެ އަމުރަށް އެދިފައެއް ނުވެއެވެ.