ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު, އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
އާދިއްތަ ދުވަހު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ދިއްދޫ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ބައެއް ޚިދުމަތްތައް ރަނގަޅު ކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިމެނެއެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވީ ރަށުގައި އެކަށީގެންވާ ބަނދަރެއް ނެތުމުގެ މައްސަލައެވެ. މީގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި ފެނާ ނަރުދަމާގެ ނިޒާމު ޤާއިމު ކުރެވިފައި ނެތުމުން ދިމާވާ ދަތިތަކާއި ޞިއްޙީ ދާއިރާއިން ހުރި ކަންބޮޑުވުންތަކާއި ރަށުގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލަރުން ފާހަގަ ކުރެއްވިއެވެ.
ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ވެސް ކައުންސިލަރުން ރައީސް ސޯލިހުއާ ޙިއްޞާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ދިއްދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާ ކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ފާހަގަ ކުރައްވާފައިވާ ބަނދަރުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފައްޓަވައި އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމެވުމަށް ރާއްވަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއެކު ކައުންސިލުތަކަށް ލިބޭނެ ކުރިއެރުންތަކާއި އިތުރުވެގެންދާ ޒިންމާތަކާއި ހިންގުން ހަރުދަނާވެ ލިބޭނެ ފަސޭހަތައް ފާހަގަކުރައްވައި އެކަމުގެ ބައެއް ތަފްޞީލުތައް ވެސް ކައުންސިލަރުންނާއި ޙިއްޞާ ކުރައްވާފައެވެ.