ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލިތާ އެތައް އަހަރެއް ވެފައިވާއިރު، އޭނާ ވަނީ މަރާލާފައިކަން ހާމަވެގެން ދިޔައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހްގީގުންނެވެ. ގާނޫނުގައި ބުނެފައިވާގޮތުން، އެ ކޮމިޝަންގެ ނިންމުންތައް ރިޕޯޓްކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ކޮންމެ މަގުސަދެއްގައި ކުރެއްވިކަމަށްވިޔަސް، އެތައް ބައެއްގެ އިހްސާސްތަކަށް އުނދަގޫކުރުވާނެ ގިނަ ވާހަކަތަކެއް ލިޔެފައި ހުރި ތަހްގީގު ރިޕޯޓްގެ ޑްރާފްޓެއް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް އަރުވައިފަ އެވެ. ރައީސް ނަޝީދު އެރިޕޯޓްގެ ހުލާސާއެއް އާންމުކުރެއްވެވި އެވެ. އަދި މަޖިލީހުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަށް ދެއްވި އެވެ.
މިހެން ކަންކުރެއްވުމުން، އެކަމުގެ ބަހުސް ގަދަވެ، ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދަށާއި ރައީސް ނަޝީދަށް އަމާޒުވި ފާޑުކިޔުން މައިތިރި ކުރެއްވުމަށްޓަކައި ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރިޕޯޓް ނެރުއްވުމުން ހުރިހާ ގޮތަކުން ވެސް ލިބެންދިޔައީ މޮޅު ކަމަށެވެ. އަދި އެ ރިޕޯޓްގައި އެއްވެސް ސިއްރު ހެކިވެރިއެއްގެ ނަން ބަޔާންކޮށްފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ގަބޫލްކުރައްވަން ބޭނުންފުޅު ނުވާ ނަމަ، ގަބޫލް ނުކުރެއްވިޔަސް، ގޯހެއް ވާނީ ހަމަ ގޯހަކަށެވެ. އެފަދަ މުހިންމު ރިޕޯޓެއްގައި ހުރި ވާހަކަތައް އާންމުކުރާއިރު އެއީ ކިހާވަރެއްގެ ކަމެއްތޯ ވަޒަންކޮށްލަންޖެހެ އެވެ. އެ ރިޕޯޓްގައި ސިއްރު ހެކިވެރިޔާގެ ނަމުގެ ބަދަލުގައި ހެކި އެކެއް، ދޭއް ލިޔުނު ނަމަވެސް، އެއީ ކާކުކަން ރަނގަޅަށް އެނގޭނެ އެވެ. ނަމަވެސް މިއީ އެ ވާހަކަތައް އެނގެންވީ ވަގުތުތޯ ވިސްނާލުން މުހިންމެވެ. އެވަރުގެ ޖަރީމާއެއް ހިންގިއިރު، ސިއްރު ހެކިވެރިޔާ ދައްކާފައިވާ ވާހަކަތަކުން އެއީ ކާކުކަން ދެނެގަންނަން ފަސޭހަ ވާނެ އެވެ.
ދެން އޮތީ އެހެން ޓެރަރިޒަމް ތުހްމަތުތައް ކުރެވޭ މީހުންނާއި ފަންޑުކުރި މީހުންނާއި ފަންޑު ކުރާ މީހުންނާއި ރެކްރޫޓްކުރާ މީހުންގެ ވާހަކަ އެވެ. މިވަރުގެ ރިޕޯޓް، އެ މީހުން ހައްޔަރުނުކޮށް އާންމު ކުރުމަކީ ވެސް މަސްހަލަތު ހުރި ގޮތެއް ނޫނެވެ. މިހާތަނަށް ފިޔަވަޅެއް އަޅާފައި ވަނީ އިންޓެލިޖެންސްގެ ދެ ފުލުހަށެވެ. ރިލްވާން މަރާލުމުގައި އެ ދެ ފުލުހުންގެ ޒާތީ މަސްލަހަތު ތަކެއް އޮތުމަށް ވުރެ ބޮޑީ، އެހެން ބައެއްގެ މަސްލަހަތު އޮތުން ކަމަށް ބެލެވެ އެވެ.
ގައުމީ ސަލާމަތާ ގުޅުން ހުރި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭކަން ފެންނަން ޖެހެ އެވެ. ރިލްވާންގެ މައްސަލައިގައި އިހްމާލުވި މީހުންނާމެދު ފިޔަވަޅު އަޅަންޖެހެ އެވެ. އަދި ޓެރަރިޒަމް އަމަލު ހިންގި ކަމަށް ތުހްމަތުކުރޭ މީހުންނާމެދު ފިޔަވަޅު އަޅަން ގޮވާލާއިރު، އެ ޖަރީމާ ސިއްރުކުރަން ވޭތުވެދިޔަ ސަރުކާރުތަކުން މަސައްކަތްކުރި މީހުންނާއި ސިޔާސީ އިސް ބޭފުޅުންނަށް ވެސް ފިޔަވަޅު އަޅަންޖެހެ އެވެ. ހަމައެކަނި ދައްކާ ވާހަކައަކުން ކަންކަން ހަމައެއް ނުޖެހޭނެ އެވެ. އަދި ކަމެއް މާބޮޑަށް ގޯސްވުމުން އެ ވާހަކަތައް ދެއްކުމަކީ ބުއްދިވެރިންގެ ގޮތެއް ނޫނެވެ. އޭގެ ކުރިން ރައްކާތެރިވެ ފިޔަވަޅު އަޅަނީ ވިސްނޭ މީހާ އެވެ.