Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 18:38
މިނިސްޓަރު އަސްލަމް ވާހަކަފުޅު ދައްކަވަނީ
މިނިސްޓަރު އަސްލަމް ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ހއ.ހޯރަފުށީގެ މާސްޓަރ ޕްލޭން
މާސްޓަރ ޕްލޭން ހަދާއިރު ވަރަށް ފުޅާކޮށް ވިސްނަންޖެހޭ: މިނިސްޓަރު އަސްލަމް
ޕްލޭން ހަދާއިރު ހޯރަފުށީގެ ވަށައިގެންވާ އާބާދީތަކަށް ވިސްނަންޖެހޭ
މާސްޓަރ ޕްލޭންގެ ތެރެއިން ތަރައްގީ ކުރެވިއްޖެނަމަ ގިނަ ބަޔަކު އެރަށަށް ބަދަލުވާނެ

ރަށްރަށުގެ ތަރައްގީއަށް ހަދާ މާސްޓަރ ޕްލޭންއަކީ ގިނަ ބައެއްގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް ކަމަށާއި، ހއ.ހޯރަފުށީގެ މާސްޓަރ ޕްލޭން ހަދާއިރު ވަރަށް ފުޅާކޮށް ވިސްނަންޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ތަރައްގީގެ މާސްޓަރ ޕްލޭންއަކީ ލޭންޑް ޔޫސް ޕްލޭންއަށް ވުރެ އަދި މާބޮޑު އެއްޗެއް ކަމަށެވެ. ލޭންޑް ޔޫސް ޕްލޭންއަކީ ހަމައެކަނި ރަށުގެ ބިން ބަހާލާނެ ގޮތުގެ ޕްލޭންއެއް ކަމަށާއި، މާސްޓަރ ޕްލޭންއަށް ވުރެ މާފުޅާ ވިސްނުމެއް ގެންގުޅެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރު އަސްލަމް ވިދާޅުވީ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ކުރާއިރު ހަމައެކަނި ވިސްނަންޖެހޭނީ ހޯރަފުށީގެ ފަސްގަނޑަށް ނޫން ކަމަށާއި، ހޯރަފުށީގެ ވަށައިގެންވާ އާބާދީތަކަށް ވެސް ވިސްނަންޖެހޭ ކަމަށެވެ. ހަމައެކަނި ރަށަށް ވިސްނުމަށް ފަހު މާސްޓަރ ޕްލޭން ހަދާނަމަ ތަރައްގީ އޮންނާނީ ހުއްޓިފައި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ތަރައްގީގެ މާސްޓަރ ޕްލޭންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ ކަންކަން އެމާހައުލަކުން ލިބެންޖެހޭ ކަމަށާއި، ހަމައެކަނި އުފައްދާ ވަޒީފާއިން ނުފުދޭ ކަމަށެވެ. ބިނާކުރަނިވި މާސްޓަރ ޕްލޭންއެއްގެ ތެރެއިން ރަށް ތަރައްގީ ކުރެވިއްޖެނަމަ މުސްތަގުބަލުގައި ގިނަ ބަޔައަކު އެރަށަކަށް ދިރުއުޅުން ބަދަލުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނޭ ހަޔާތުގެ ޒުވާން އިރު މާބޮޑަށް ރަށާ ދޭތެރޭގައި ފިކުރެއް ނެތި، ރަށަކަށް ނުވެސް ދޭ، އެކަމަކު ވަކި ހިސާބަކުން ރަށް ކަމުދާން ފަށާނެ. ރަށްދެކެ ލޯބިވާނެ. ރަށަށް ދާ ހިތްވާނެ. ރަށުގައި ކޮންމެސް ކަމެއް ކޮށްލާހިތްވާނެ. އެއީ އެކަން ހުރިހާ ތަނެއްގައިވާ ގޮތް. އެންމެ ޅައިރު ބޭނުންވާ ކަންތަކެއް ނޫން ޒުވާންއިރުގައި ބޭނުންވާނީއެއް. މަސައްކަތު އުމުރުގައި ބޭނުންވާ ކަންތަކެއް ނޫން މުސްކުޅި ވީމަ ބޭނުންވަނީ. ބައެއް ފަހަރު މުސްކުޅިވީމަ ބޭނުންވަނީ ވަރަށް އަމާން އޮމާން ހިތްފަސޭހަ ތަނެއްގައި ދިރިއުޅެން. އެހެންވީމަ އާންމު ގޮތެއްގައި އަޅުގަނޑުމެން ޖިއޮގްރެފިކްޓާމުން ނަމަ ދަމާބާރު. ރަށަށް ދަމާ ބާރު އެބަ ޖަމާ ކުރަންޖެހޭ.
މިނިސްޓަރު އަސްލަމް ވިދާޅުވި

ރަށަށް ދަމާބާރު ޖަމާކުރަންޖެހޭ ކަމަށް މިސާލު ޖައްސަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ލަންކާ، އިންޑިއާ އަދި މެލޭޝިޔާގައި ދިވެހިން ދިރިއުޅެމުންދަނީ އާމްދަނީ ހޯދަން ނޫން ކަމަށާއި، ރާއްޖެއިން ލިބޭ ޚިދުމަތްތަކަށް ވުރެ ރަނގަޅު ޚިދުމަތްތަކެއް ލިބޭތީ ކަމަށެވެ.

މާސްޓަރ ޕްލޭން ހެދުމަށް ފަހު، ގިނަ ދުވަސްނުކޮށް ބިންގާ އަޅަންޖެހޭ ކަމަށާއި، އެނޫން ގޮތަކަށް ޕްލޭންކުރިއަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް