މި ސަރުކާރުއާ މެދު ރައްޔިތުން މާޔޫސްވެފައި ތިބި މަންޒަރު ފެނިއްޖެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ފަހުން ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ރައީސް ޔާމިން އާއި ޕީޕީއެމް އަދި ޕީއެންސީގެ އިސްފަރާތްތައް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު މާލެ ވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވަމުން ދާ މަންޒަރު ފެންނަމުން ދާ ކަމަށާއި ޕީއެންސީ އިން ދިޔަ 3 ރަށުން ވެސް އެކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އަދުގެ ސަރުކާރަށް ތާއީދު ގެއްލެމުން ދާކަމަށް އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ. ޕާޓީ ވަރުގަދަ ކުރުމަށާއި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތާއީދު ހޯދުމަށްޓަކައި ކުރެވުނު މި ދަތުރުން ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރި ގޮތް ދެނެގަނެވިފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އދ. މަހިބަދޫ ،ކުނބުރުދޫ އަދި ދަނގެއްޗަށް ކުރި ދަތުރުފުޅުގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގެންފައިވާއިރު ،އދ. މަހިބަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމަށްފަހު އައި އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވުމަށްފަހު އައި ހިތްދަތި ދުވަސްވަރު ޕާޓީގެ އިސްކޮށް އުޅުނު ބޭފުޅުން ޕާޓީ ދޫކުރައްވާ ވަޑައިގެންނެވީ ޕީޕީއެމް އެންމެ ވަރުގަދަ ކުރަން އުޅުނު ދުވަސްވަރުގައި ކަމަށް ވިދާޅުވެފައެވެ.
އަދި އެ މެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ދުވަސްވަރު އިޚްލާސްތެރިކަމާއެކީ މަސައްކަތް ކުރެއްވި މެމްބަރުން ކަމަށާއި އެހެންކަމުން އެނބުރި ޕީޕީއެމްއާ ގުޅިވަޑައިގެންނެވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.
ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު، އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނިވަޑައިގަންނަވައެވެ.