ހަ އަހަރުގެ މެދުކެނޑުމަށްފަހު ރާއްޖޭގެ ރައީސަކު އދ ގެ އާންމު ޖަލްސާގައި ތަގްރީރުކުރައްވަން ހަމަޖެހިއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ސެޕްޓެމްބަރު 17 އިން 30 އަށް ނިއުޔޯކްގައި އޮންނަ އދ ގެ އާންމު ޖަލްސާގައި ތަގްރީރުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އެގޮތުން އިންސާނީ ހައްގުތަކަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ސިޔާސީ މަސްރަހުގެ މައްޗަށް ތަގްރީރުގައި އަލިއަޅުއްވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ސްޕޯކްސްޕާރސަން އިބްރާހީމް ހޫދު ވިދާޅުވީ ރައީސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރުގެ (ނިއުޔޯކް ގަޑިން) ހެނދުނުގެ ވަގުތެއްގައި ކަމަށާއި ފުރަތަމަ ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާ އިއްޒަތްތެރިންގެ ތެރޭގައި ރައީސް ސޯލިހު ހިމެނިވަޑައިގަންނަވާ ކަމަށެވެ. ހޫދު ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް އދ. ގެ އާންމު ޖަލްސާގައި ތަގުރީރުކުރުމަށް ލިބެނީ އެންމެ ފަހުން ކަމަށާއި ރައީސް ސޯލިހު ދަތުރަށް ފުރައިވަޑައިގަންނަވާ ތާރީީހު ރަސްމީކޮށް އާންމު ކުރައްވާނެ ކަމަށެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަކީ ރައީސް ސޯލިހުގެ އެއް ވައުދުފުޅަކަށްވާއިރު ގިނަ ގައުމުތައް ބައިވެރިވާ އާންމު ޖަލްސާގައި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.
އދ ގެ އާންމު ޖަލްސާގައި ޤައުމުތަކުގެ ލީޑަރުން ތަގުރީރު ކުރައްވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނު އދ ގެ އާންމު ޖަލްސާގައި ތަގުރީރު ކުރައްވާފައެއްނުވެއެވެ.