Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 23:59
ރިލްވާން މައްސަލާގައި ރިޔާސީ ކޮމިޝާނާއެކު ފުލުހުންނާއި ޕީޖީ ބޭއްވި ބައްދަލުވުން
ރިލްވާން މައްސަލާގައި ރިޔާސީ ކޮމިޝާނާއެކު ފުލުހުންނާއި ޕީޖީ ބޭއްވި ބައްދަލުވުން
ޕޮލިސް
ރިލްވާންގެ މައްސަލަ
ރިލްވާންގެ މައްސަލާގައި 2 ފުލުހުން ހައްޔަރުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް ކޮމިޝަނުން ބުނި: ފުލުހުން
2 ފުލުހުން ހައްޔަރުކުރަން އެކަށީގެންވާ ހެއްކެއް ނެތް
2 ފުލުހުން ވަނީީ ވަޒީފާގެ މައްސޫލިއްޔަތުތަކުން ދުރުކުރެވިފައި
ފުލުހުންގެ މައްސަލަ އިތުރަށް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރާލި މައްސަލާގައި ޝާމިލްވާ 2 ފުލުހުން ހައްޔަރުކުރަންޖެހޭފަދަ ގާނޫނީ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށް މަރާލަފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އެކުލަވާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފައިވާ ކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސްއިން ބުނެފި އެވެ.

1 ސެޕްޓެމްބަރު 2019 ގައި މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ރިލްވާން މަރާލުމާއި ގުޅޭގޮތުން ހާމަކުރި ކަންކަމާއި ގުޅިގެން ހުކުރު ދުވަހުގެރޭ ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގު ރިޕޯޓުން ބައެއް ފުލުހުންގެ އިހުމާލު ފާހަގަކޮށްފައިވާތީ އެ ފަރާތްތަކުގެ މައްސަލަ ބަލައި ތަހްގީގުކޮށް، ފިޔަވަޅު އަޅައިދިނުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުންވެސް އަންގާފައިވާކަމަށެވެ. އަދި ތަހްގީގުކުރާއިރު މައްސަލާގައި ހިމެނޭ ދެ ފުލުހުން މުޖްތަމައުއަށް ދޫވެފައިތިބުމަކީ މައްސަލައިގެ މިނިވަން ތަހްގީގެއް ހިންގުމަށް ހުރަސް އެޅިދާނެ ކަމެއްކަމަށް ފެންނާތީ އެ ފުލުހުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގައި އެދުމަށްވެސް އޭޖީ އެދިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ރިލްވާންގެ ޕާސްޕޯޓު ހޯދުމާއި ގުޅޭގޮތުން އެމްއެންޑީއެފްގެ ކާރނަލް އަބްދުލް ރައޫފް، ކުރީގެ ނައިބު ރައީސު އަދީބާއި މުއާމަލާތްކޮށްފައިވާތީ އޭނާގެ މައްސަލަ ބަލައި ތަހްގީގުކުރުމަށް ލަފާދެއްވާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

މިކަމާއި ގުޅިގެން މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓާއި ހޯދާފައިވާ މައުލޫމާތު ހިއްސާކޮށްދެއްވުމަށް މަރުތަކާއި ބެހޭ ކޮމިޝަނުގައި ދަންނަވާފައިވާނެކަމަށާއި އެޓާރނީ ޖެނެރަލް އެ ދެ ފުލުހުންގެ މައްސަލަ ތަހުގީގުކުރުމަށް އެދުމުގެ ކުރިންވެސް އިދާރީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައިވެއެވެ. އަދި 5 ސެޕްޓެމްބަރުގައި އެ ދެ ފުލުހުން ވަޒީފާގެ މައްސޫލިއްޔަތުތަކުން ދުރުކުރެވި، އިދާރީ މައްސަލަތައް ބަލާ ތަހްގީގުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން މައްސަލަ ބަލާ ޑިސިޕްލެނަރީ ބޯޑަށް މައްސަލަ ހުށަހެލުމަށް ދަނީ ތައްޔާރުވަމުންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement

މީގެއިތުރުން ފުލުހުންގެ އިންޓެލިޖެންސްއިން ރިލްވާންގެ މައްސަލައާއި ގުޅިގެން ހިންގާފައިވާ އޮޕަރޭޝަންސްތަކާއި ގުޅޭކަންތައްތައް ތަހުގީގުކުރުމުންދާ ކަމަށާއި މަރުތައް ތަހުގީގުކުރާ ކޮމިޝަނުންވެސް އެ ދެ ފުލުހުންގެ މައްސަލަ އިތުރަށް ތަހުގީގުކޮށް ކޮމިޝަނަށް ބަޔާންދިން ފުލުސް އޮފިސަރ ފަޔާޝް އިސްމާއިލްގެ ބަޔާނުގައި ފުށުއެރުންތަކެއް ހުރުމުން އެކަން އިތުރަށް ތަހުގީގުކުރުމަށްވެސް ބުރާސްފަތި ދުވަހު ލަފާދެއްވާފައިވާކަމަށް ފުލުހުން ބުނެއެވެ.

ރިލްވާންގެ މައްސަލައަކީ ރިޔާސީ ކޮމިޝަންގެ ހާއްސަ އިހްތިސާސުގެ ތެރޭގައި ހިމެނޭ ޖިނާޢީ މައްސަލައަކަށްވުމުގެ އިތުރުން ފުލުހުންގެ މުވައްޒަފުންގެ ބައި ހިމެނޭގޮތައް ކޮމިޝަނުން ކުރެވުނު ޖިނާއީ ތަހްގީގުން ހެއްކާއި ގަރީނާތައް ހޯދައި މައުލޫމާތު އާންމުކޮށްފައިވާތީ މައްސަލާއި ގުޅިގެން ޖިނާއި އިޖްރާއަތްތަކެއް ފުލުހުންގެ ހިންގުމުގެ ކުރިން ރިޔާސީ ކޮމިޝަނާއި މަޝްވަރާކޮށްފައިވާކަމަށް ނޫސްބަޔާނުގައިވެއެވެ. އެގޮތުން މިހާތަނަށް ކޮމިޝަނުން ފާހަގަކޮށްފައިވާ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކިތައް ލިބިފައިނުވާތީ އެ ދެ ފުލުހުން ހައްޔަރުކުރަންޖެހޭ ގާނޫނީ ސަބަބުތަކެއް އޮތްކަމަށް ނުދެކޭކަމަށާއި ނަމަވެސް އެ ފުލުހުންނާއި މެދު އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މައްސަލަ ތަހުގީގުކުރުމަށް ކޮމިޝަނުން ދަންނަވާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ މައްސަލަޔާއި ގުޅޭ ހުރިހާ ޑޮކިއުމަންޓެއް ހިއްސާކުރަމުންދާކަމަށާއި ޑްރާފްޓް ރިޕޯޓު ލިބުމުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ފުލުހުންގެ އިދާރާއާއި ގުޅޭ ހުރިހާ ކަންކަމުގައި ފިޔަވަޅުއަޅާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް