ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަދަނީ ޖަމިއްޔާތަކުން ނިންމައިފިއެވެ.
ދުންފަތުގެ ދުމުން މުޖުތަމައު ރައްކާތެރިކުރުމުގެ މަގްސަދުގައި "އަހަރެން ދެކޮޅު" ޝިއާރުގެ ދަށުން ހެލްތް މިނިސްޓްރީ އާއި މަދަނީ ޖަމިއްޔާތަކެއް ގުޅިގެން ހުކުރު ދުވަހުގެ ހަވީރު އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ހަރަކާތެއްގައި ވަނީ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް އެކަން ތަންފީޒުކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހެޅުމަށް ނިންމައި ދުންފަތުގެ ސަބަބުން އާންމުންނަށް ކުރާ ގެއްލުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
ހުށަހެޅުމަށް ނިންމާފައިވާ ޕެޓިޝަނުގައި ވާގޮތުން ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއްކަން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ދައުލަތުގެ ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގުތައް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސް ކޮށްދެއްވުމަށް މަސަތްކަތް ކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ވެއެވެ.
މަގުތަކާއި އާންމު ތަންތަނަކީ އާއިލާތަކާއި ކުދި ބޮޑު އެންމެހާއި ރައްޔިތުންނާއި އެކި ކަހަލަ ސިއްހީ ހާލަތުގައި ދިރިއުޅޭ މީހުން ވެސް ޒަރޫރީ ބޭނުންތަކަށް އެކި ތަންތަނަށް ގޮސް އުޅެންޖެހޭ ތަނަކަށް ވާއިރު އާންމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އަމިއްލަ އިހްތިޔާރެއް ނެތި އެފަދަ ފަރާތްތަކަށް ދުމުގެ އަސަރުކޮށް ގިނަ ބަލިތައް ޖެހޭ ކަމަށް ޕެޓިޝަނުގައި ވެއެވެ.
އެގޮތުން ގާނޫނާއި ގަވާއިދަކުން ކަނޑައެޅޭ ވަކި ތަންތަން ފިޔަވައި ރާއްޖޭގެ އެންމެހާ މަގުތަކުގައި އިސްތިއުމާލުކުރުން މަނާކޮށް ، ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި މެނުވީ އެކަން ނުކުރުމަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ. އަދި އުންމީދަކީ ކުރިޔަށް އޮތް ތާނގައި އަހަރެން ދެކޮޅު ޝިއާރަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވައި ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނު ފަދަ ގާނޫނުތައް ތަންފީޒުކުރުމަށް މަތިކޮށްފައިވާ އިދާރާތަކުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރައްޔިތު މީހާ އަށް އޭނާގެ ހައްގު ހޯދައިދިނުން ކަމަށް އެފަރާތްތަކުން ބުނެއެވެ.
ދިވެހި ރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައ ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ ދުންފަތުން ލިބޭ ގެއްލުންތަކާއި ގުޅުން ހުންނަ ބައްޔެއްގެ ސަބަބުންނެވެ.