ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ގިނަ ޒުވާނުންތަކެއް މިސިނާއަތުގެ ތެރެއަށް ވަދެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޕޮލިސީ އެގްޒެކްޓިވް ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި، މިސިނާއަތަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ޒުވާނުންތަކެއް ވެއްދުމަށް ގިނަ މަސައްކަތްތައް ކުރާ ކަމަށާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ހަރަކާތްތަކަކީ މިމަސައްކަތަށް އިތުރުވާ ބޮޅެއް ކަމަށެވެ. އަދި ވިދާޅުވީ މިހަރަކާތްތަކުގެ ސަބަބުން އިތުރު ޒުވާނުން މިސިނާއަތަށް ޝައުގުވެރިވެ ވަޒީފާގެ މާހައުލަށް ނުކުންނާނެ ކަމަށް އުންމީދު ކަމަށެވެ.
އަބްދުﷲ މުހައްމަދު ވިދާޅުވީ މިއަހަރުވެސް އައު ރިސޯޓުތައް ހުޅުވި އިތުރު ވަޒީފާތައް އުފެދިގެންދާއިރު، ދިވެހި ޒުވާނުންނަށް އެފުރުސަތުތައް ހޯދައިދިނުމަކީ އަމާޒުކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް މަގުދައްކައިދޭނެ ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި އަބްދުﷲ މުހައްމަދު ވިދާޅުވީ ސަރވިސް ޗާޖުގައި ދިމާވާ މައްސަލަ ވެސް ހައްލުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަޒިރާވަންތަ ޑިނަރ ނައިޓްގައި ރިސޯޓުތަކުގެ ސީނިއާ ބޭފުޅުންނާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަހުގެ 27 ވަނަ ދުވަހު ބާއްވާ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ފަށާނީ ވ. އަތޮޅުންނެވެ. މިހަރަކާތްތައް ޓޫރިޒަމް މިނިސްޓްރީ ތައްޔާރުވަމުން އަންނައިރު ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަސް މިނިސްޓްރީން މައުލޫމާތުދެއެވެ.