ދައުލަތުގެ މަގާމުތަކުގައި ތިއްބަވައިގެން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތަކުން ނިންމާފައިހުރި ނިންމުންތަކުގެ ޒިންމާ އެ ފަރާތްތަކުން އަމިއްލައަށް ނަންގަވަން ޖެހޭނެކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ 2015 އިން ފެށިގެން 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސްކުރަން ހުޅުވާލުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބަހުސް ކުރައްވަން ފައްޓަވަމުން ވިދާޅުވީ މާލިއްޔަތު ކޮމިޓީއިން މީހުންގެ ވަރަށް ބޮޑެތި ހައްގުތަކުން މަހުރޫމް ވާގޮތަށް އަމަލު ކުރަމުންދާވާހަކަ ރަށުތެރޭ ދެކެވޭ ކަމަށެވެ.
އެއަށް ރައްދުދެއްވާ މާލިއްޔަތު ކޮމިޓީގެވެސް މެމްބަރުކަން ކުރައްވާ ޣަފޫރު ވިދާޅުވީ ދައުލަތުގެ އިސް މަގާމުގައި ތިއްބަވައި ޒިންމާ ނެންގެވި ފަރާތްތަކުން އެބޭފުޅުން ޚިޔާނާތްތެރިވި ފައިސާގެ ޒިންމާވެސް ނަންގަވަން ޖެހޭނެ ކަމަށެވެ. މާލިއްޔަތު ކޮމިޓީގައި ތިއްބަވައިގެން އެއްވެސް ދިވެހި ރައްޔިތެއްގެ ހައްގެއް ގެއްލެން ބޭނުންވެނުލައްވާ ކަމަށާއި އިންސާފާއި ހަމަހަމަކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބެންޖެހޭ ހައްގެއްކަން ގަބޫލު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ދައުލަތް އެއީ ތިމާ މީހާ މުއްސަނިދވާން ނުވަތަ ވައްކަން ކުރަން ބޭނުން ކުރާ ވަސީލަތަކަށްވާން ދޫކޮށް ނުލައްވާނެކަމަށް ޣަފޫރު ވިދާޅުވިއެވެ.
ކޮމިޓީއިން ރިޕޯޓް ލިޔެ ނިންމާނީ އޮޑިޓަރ ޖެނެރަލް ނިންމާ ގޮތަށާއި އެބޭފުޅުންނަށް އިންސާފު ގަބޫލުކުރެވޭ ގޮތަށް ކަމަށް ޣަފޫރު ވިދާޅުވިއެވެ. ކޯޓުން ބޭރުން ބަދަލު ދިނުމަކީ އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫންކަމަށް ޣަފޫރު ވިދާޅުވިއެވެ.
ދައުލަތުން ބަދަލުދޭންޖެހޭގޮތަށް ދައުލަތަށް ދެ ބިލިއަން ރުފިޔާ ލިބެންޖެހޭކަން ފާހަގަ ކުރައްވާ ޣަފޫރު ވިދާޅުވީ އެ ފައިސާ ހޯދުމަކީ ޝަރުއީ ނިޒާމާއި ރާއްޖޭގެ ކަމާ ބެހޭ މުއައްސަސާތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ދައުލަތަށް ދެ ބިލިއަން ރުފިޔާގެ ވާހަކަ ނިކަން ދައްކާލަބަ. ދައުލަތް މިއޮތީ އެތަށް ބިލުއަން ރުފިޔާއަށް ދަރާފައި. މި ލާރި ހޯދުމަށް ޝަރުއީ ނިޒާމުގައި ވެސް ޜާއްޖޭގެ ހުރި ހުރިހާ މުއައްސަސާއަކުން މަސައްކަތް ކުރަން ޖެހޭނެ. ދައުލަތަށް ދަރާފައި އެބައޮތް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ. އެ ފައިސާ ދައުލަތަށް ލިބެން ޖެހޭނެ. ދައުލަތަކީ ތިމާ މުއްސަނދިވާން އޮތް ވަސީލަތެއް ނޫން.ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ
ޣަފޫރު ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައަށް މިގައުމުދާ މަގު ތަނަވަސްވާގޮތަށް މާލިއްޔަތު ކޮމިޓީއިން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
ކޯޓުން ބޭރުގައި ބަދަލުދޭން އެއްބަސްވުމަކީ ގަބޫލުކުރައްވާކަމެއް ނޫންކަމަށް ޣަފޫރު ވިދާޅުވެފައިވާއިރު މާލިއްޔަތު ކޮމިޓީއިން ވަނީ ސަރުކާރުން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަން ރުފިޔާ ދައްކަން ނުޖެހޭނެ ކަމަށް ފާސްކޮށްފައެވެ.
ވިމްލާއަށް ބަދަލު ދޭން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެ މައްސަލަ ހައިކޯޓުގައި އޭރުގެ ސަރުކާރުން ވަނީ އިސްތިއުނާފުކޮށްފައެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެކި ކަންކަމާ ގުޅިގެން ދައުލަތުން ފައިސާ ދޭންޖެހޭ މައްސަލަތައް ހައްލުކުރުމަށް އުފެއްދި ޚާއްސަ ކޮމިޓީގެ ފަރާތުން މަޝްވަރާ ކޮށްފައިވަނީ އެމައްސަލައިގައި ސަރުކާރުން ފައިސާ ދޭންޖެހޭ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރާނެ ގޮތަކާ މެދުއެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީއިން ނިންމާފައިވަނީ ސަރުކާރުން ވިމްލާއަށް ފައިސާ ދޭން ނުޖެހޭނެކަމަށެވެ.
މީގެ އިތުރުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން 348 މިލިޔަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ވެސް އޮތީ ކޯޓުން ބޭރުގައި ހައްލު ކުރުމުގެ މަރުހަލާގައެވެ.