Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 08:32
ކުޑަފަރީ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ޖަލްސާގެ ތެރެއިން
ކުޑަފަރީ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު
ކިޔަވައިދިނުމަށް ދައުލަތުގެ ފަރާތުން، އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މިސަރުކާރުން: ރައީސް
ސަރުކާރުން ތަޢުލީމަށް ދެއްވަން ފެއްޓެވި އެހީތެރިކަމުގެ ހެޔޮ ނަތީޖާ، މާލަސްތަކެއް ނުވެ ފެންނަން ފަށާނެ ކަމުގަ ވިދާޅުވި
ރައީސްގެ ވާހަކަފުޅުގައި ކުޑަފަރީގެ ރައްޔިތުން ތަޢުލީމަށް ދެއްވި ސަމާލުކަން ފާހަގަކުރެއްވި
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ވަކިރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުކަން ފާހަގަކުރެއްވި

ރާއްޖޭގެ މުޅި ތާރީހުގައިވެސް، ރައްޔިތުންނަށް ކިޔަވައިދިނުމަށް ދައުލަތުގެ ފަރާތުން، އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މިސަރުކާރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅިވީ ކުޑަފަރީ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ތަޢުލީމަށް ދެއްވަން ފެއްޓެވި އެހީތެރިކަމުގެ ހެޔޮ ނަތީޖާ، މާތް ﷲގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ ފެންނަން ފަށާނެ ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ކުޑަފަރީގެ ރައްޔިތުން ތަޢުލީމަށް ދެއްވި ސަމާލުކަން ފާހަގަކުރައްވައި، ކުޑަފަރީ ރައްޔިތުން މީގެ 50 އަހަރުކުރީގައި ތަޢުލީމު ދިނުމުގެ މަސައްކަތް ފަށައިގަތް ގޮތުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އެގޮތުން ރަށުން ބޭރުން، ރާވާ ގެއެއް ގެނެސްގެން ކިޔަވައިދިނުމުގެ ކަންތައް ހަމަޖެއްސިކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެރަށުގެ ތަޢުލީމީ ތާރީޚަކީ، ގާތްގަޑަކަށް 80 ވަރަކަށް އަހަރުގެ ދިގު މާޒީއެއް އޮތް ތާރީޚެއްކަމުގައެވެ.

މިސަރުކާރުގެ ތަޢުލީމީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ، ޢިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން އަހުލުވެރި ކުރުވުންކަމަށެވެ. އަދި ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ބަރާބަރު ޖަޒީރާ ސްކޫލްތަކެއް ހިންގުމަށް މެނިފެސްޓޯގައި ކަނޑައެޅުއްވީ މިމަޤްޞަދު ޙާޞިލްކުރެއްވުމުގެ ބޭނުންފުޅުމުގައިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގެ ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން، މިހިނގާ ދިރާސީ އަހަރުގައި، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ހަތްދިހަ ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރި ސަރުކާރުގެ 213 ސްކޫލްގެ ތެރެއިން 144 ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރެވިފައިވާއިރު ބާކީ ހުރި 69 ސްކޫލް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ތަންފީޒީ މަރުޙަލާ މިހާރު ފެށިފައިވާކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Advertisement

ރައީސް ވިދާޅުވީ އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ނިޒާމަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަދަލުވުމުން، އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެކަމަށެވެ. އެގޮތުން މިނިޒާމުގެ ތެރެއިން ދަސްވެނިވާއިރު ދަރިވަރުން ތިބޭނީ އަމިއްލަ ޒިންމާތަކަށް ފަރިތަވެ، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހޭނެން ފަށާފައިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަތީ ތަޢުލީމް ޙާޞިލްކުރުމަށް ސަރުކާރުން ތަނަވަސްކޮށްދީފައިވާ ފުރުޞަތުތައް، ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވައި ސަރުކާރުން ފަހިކޮށްދީފައިވާ މިފުރުޞަތުތަކުގެ ބޭނުން، ވީއެންމެ ރަނގަޅަކަށް ހިފައިގެން ޤައުމަށް ބޭނުންތެރި ކުދިންތަކަކަށް ވުމަށް ދަރިވަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ވަކިރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުކަން ފާހަގަކުރައްވަމުން، ކުޑަފަރީ ސްކޫލަށް ވެސް، ލިބެންޖެހޭ ވަސީލަތްތަކާ ހުރިހާ އެހީތެރިކަމެއް، ސަރުކާރުން ފޯރުކޮށްދެމުންދާނެކަމުގެ ކަށަވަރުކަން ދެއްވިއެވެ.

އެގޮތުން އެ ސްކޫލަށް މިހާރު ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަމަށް ޙައްލެއްގެނައުމުގެ ގޮތުން އެސްކޫލްގެ އާޢިމާރާތް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެމަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަން ފާހަގަކުރައްވައި އޭގެ އިތުރުން އެ ސްކޫލުގައި ހަދާ ސްމާޓް ކްލާސްރޫމްތަކުގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ކުރިޔަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަފަރީ ސްކޫލަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލްގެ ޖަލްސާގައި އެ ސްކޫލުގެ ފަރާތުން ވަނީ ސްކޫލުން އަރުވާ އެންމެ މަތީ ޝަރަފުކަމުގައިވާ މަކްތަބުލް ހިދާޔާގެ ޝަރަފު އެމަނިކުފާނަށް އަރުވާފައެވެ. މީގެ އިތުރުން 20 އަހަރާއި 30 އަހަރާ ދެމެދު އެ ސްކޫލަށް ޚިދުމަތް ކޮށްދެއްވި ފަރާތްތަކަށް ސްކޫލުގެ ފަރާތުން އެރުވި ޝަރަފުގެ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންނާ ފިލާ ހަވާލުކޮށްދެއްވީ ވެސް ރައީސްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް