ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްގީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ނ. އަތޮޅު ކުޑަފަރީ ސްކޫލުގައި ބުރާސްފަތި ދުވަހު ހަވީރު ބޭއްވި އެ ބައްދަލުވުމުގައި އަތޮޅު ކައުންސިލަރުން ވަނީ ނ. އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށްރަށުގެ ތަރައްގީ އަށް ހުރި ގޮންޖެހުންތަކާބެހޭ މައުލޫމާތު ރައީސްއާ ހިއްސާ ކުރައްވާފައެވެ.
އެގޮތުން އަތޮޅުގައި ހުރި ފަޅުރަށްތަކާއި އެކި މަސައްކަތްތަކަށް ދޫކޮށްފައި ހުރި ރަށްރަށް ހަވާލުކުރެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމުގައި ހުރި ދަތިތަކާއި އަތޮޅުގެ އެކި ރަށްރަށުގައި ހިނގާ ބޮޑެތި ބައެއް މަޝްރޫއުތަކާ ބެހޭ މައުލޫމަތު ރައީސް އަށް ހުށަހެޅުއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އެ ބައްދަލުވުމުގައި ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ވެސް ރައީސްއާ ހިއްސާކުރެއްވިއެވެ. އަދި އޭގެ އިތުރުން ކައުންސިލުން ހުށަހެޅުއްވި އިތުރު ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ޔަގީން ކަން ރައީސް ވަނީ ކައުންސިލަށް އަރުވާފައެވެ.