ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރަތަމަ ނައިބް ރައީސްގެ މަޤާމުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން އިތުރުބާރު ނެތްކަމުގެ ވޯޓްނަގާ މަޤާމުން ވަކިކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައީސް ޔާމީނާއި އެކު އަތޮޅުތެރެއަށް ފުރާވަޑައިގެންފިއެވެ.
ޕީޕީއެމް އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ރައީސް ޔާމީން ގެ މި ދަތުރުފުޅަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ޕީޕީއެމް އިތުރަށް ވަރުގަދަކޮށް ޕާޓީގެ ރޫހު ވަރުގަދަކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަތޮޅުތެރެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ތެރެއިން އދ. އަތޮޅަށް ކުރައްވާ ދަތުރު ފުޅެއްކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ މި ކެމްޕޭން ދަތުރުފުޅުގައި ޑރ. ޖަމީލް ބައިވެރިވެ ވަޑައިގެންފައިވާއިރު އެމަނިކުފާނަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.
ނައިބު ރައީސް ކަމުގެ މަޤާމުން ވަކިކުރި މައްސަލާގައި ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށާއި، އޭރު މަޖިލީހުން މައްސަލަ ނިންމާފައިވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އެއްވެސް އިޖުރާއަތަކަށް އަދި އުސޫލަކަށް ވެސް ބެލުމެއް ނެތި ކަމަށެވެ.
އަދި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ވެސް އެމަނިކުފާނުގެ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށާއި، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ގިނަ ހައްގުތަކެއް ވެސް ނިގުޅައިގެންފައިވާ ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ޖަމީލު ނައިބް ރައީސްގެ މަޤާމުން ވަކިކުރެއްވުމާއިއެކު އެމަނިކުފާނު ވަނީ ޔާމީންގެ ސަރުކާރާ ދެކޮޅަށް ވެސް ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުން އދ އަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ކުނބުރުދޫ، މަހިބަދޫ، ދިގުރަށް އަދި ދަގެނޗަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.