ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މަގޫދޫ ކައުންސިލު އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވެވި މިބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތަކާ ގާތުން މިގޮތަށް ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ކައުންސިލުން ކުރައްވާ ކަންކަން ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވުން ކަމަށެވެ.
މީގެއިތުރުން ލާމާރުކަޒީ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ޒިންމާތަކާއި ފަހިވެގެންދާ ކަންކަމުގެ މަޢުލޫމާތު ކައުންސިލުތަކާ ޙިއްޞާކުރެއްވުން ވެސް މިބައްދަލުކުރެއްވުމުގެ ބޭނުންފުޅުތަކުގެ ތެރޭގައި ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މަގޫދޫ ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.
އެގޮތުން އެރަށުގެ ބަނދަރު ތެރެއަށް ވެލިވަދެ ބަނދަރު ތިލަވަމުންދާ މައްސަލަޔާއި ރަށަށް އެކަށޭނަ ވަރުގެ މިސްކިތެއް ނެތުމާއި ޞިއްޙީ ދާއިރާއިން ހުރި މައްސަލަތަކާއި ރަށަށް ކަރަންޓުދިނުމުގައި ހުރި ދަތިތަކާ އަދި ރަށުގައި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ބޭނުންވާ ކަންކަން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަގޫދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ.
މީގެއިތުރުން ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.