Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 13:04
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހް
ޢިލްމު ހޯދުމަށް އިސްކަން ނުދޭނަމަ، ތަރައްޤީއަކީ ލޮލުކޮޅަށް ވެސް ފެންނާނެ ކަމެއް ނޫން: ރައީސް ސޯލިހު
މިޖަޒީރާތަކުގެ ތަރައްޤީއަށްޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ، މިރާއްޖޭގެ ދަރީންނަށް ޒަމާނީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ވިދާޅުވި
ސަރުކާރުން ޤަބޫލުކުރަނީ އުނގަންނައިދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫންކަމަށް
ރައީސް ސޯލިހު ވިދާޅުވީ ހަށިހެޔޮ، ދުޅަހެޔޮ، އުފެއްދުންތެރި ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަކީ، ސަރުކާރުގެ އެންމެ މުހިންމު މަޤްޞަދުކަމަށް

ކިތަންމެ ގިނަ ވަސީލަތްތަކާއި، ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައި އޮތަސް، ޢިލްމު ހޯދުމަށް އިސްކަން ނުދޭ ނަމަ، ތަރައްޤީއަކީ ލޮލުކޮޅަށްވެސް ފެންނާނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނ. މިލަދޫ ހިދާޔާ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިޖަޒީރާތަކުގެ ތަރައްޤީއަށްޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ، މިރާއްޖޭގެ ދަރީންނަށް ޒަމާނީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި މިލަދޫއަކީ ތަޢުލީމަށް ވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަމަށާއި މިލަދޫ ރައްޔިތުން ބޭނުންވަނީ ޢިލްމު އުނގެނި ތަންދޮރު ފިލައިގެން އުޅުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރަށުގެ ކުރިއެރުމާއި ތަރައްޤީއަކީ، ކޮންމެ މީހެއްގެ އަމިއްލަ ނަފްސާ ގުޅިފައިވާ އެއްޗެއް ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އިންސާނުން ބޭނުންވާ ހުރިހާ ކަމެއްގެ ފެށުމަކީ، ތަޢުލީމު ކަމަށެވެ. އަދި އެހެން ހުރިހާ ކަމަކަށްވުރެ، ތަޢުލީމް ދިނުން މުހިންމު ވަނީ ހުރިހާ ފަންނުތަކެއްގެ މީހުން އުފެއްދެނީ، އެފަންނެއްގެ ޢިލްމު ޙާޞިލް ކޮށްދީގެންކަމަށް ވާތީ ކަމަށެވެ. އެހެންކަމުން، ތަރައްޤީވާން ބޭނުންނަމަ އަދި ތަހުޒީބީ ބަޔަކަށްވާން އެދޭ ނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އުނގެނި ދަސްކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުން ޤަބޫލުކުރަނީ އުނގަންނައިދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫންކަމަށެވެ. އެޒަމާނެއްގައި ލިބެން ހުރި، އެންމެ ފެންވަރު ރަނގަޅު ތަޢުލީމެއް، ރައްޔިތުންނަށް ހޯދައިދިނުމަކީ، ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެއްކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ، އެކަން ކޮށްދޭން ވަޢުދު ވެގެންކަމުގައި ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ހަށިހެޔޮ، ދުޅަހެޔޮ، އުފެއްދުންތެރި ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަކީ، ސަރުކާރުގެ އެންމެ މުހިންމު މަޤްޞަދުކަމަށްވާއިރު، އެކަން ޙާޞިލްކުރެވޭނީ، ޒިންމާދާރުކަމާއެކު، އަމިއްލަ ދިރިއުޅުމެއް ބައްޓަންކުރަން އެނގޭ މިންވަރަށް، ތަޢުލީމާއި ތަމްރީނު ފޯރުކޮށްދީގެންކަމަށެވެ.

އުނގަންނައިދިނުމުގެ ވައްޓަފާޅި މިއަދު ވަރަށް ބޮޑަށް ބަދަލުވެފައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދުގެ ކިޔަވައިދިނުމުގެ ވަށްޓަފާޅި ބިނާވެފައިވަނީ ޒިންމާ އުފުލުމުގެ ޤާބިލްކަން ކުދިންގެ ކިބައިގައި އަށަގަންނަވައި، ޙަޔާތުގެ ޢަމަލީ މައިދާނަށް ކުދިންގެ ލޯ ހުޅުވައިދީ، ޤައުމީ ވާޖިބާއި އިޖްތިމާޢީ ޒިންމާއަށް އަހުލުވެރިކުރުވުމުގެ މައްޗަށްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް