Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 14:53
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ދާނިޝް ނިޡާމް
ޓުއަރިޒަމް މިނިސްޓަރ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޮޑު 7 ހަރަކާތެއް
މި އިވެންޓްތަށް ރާއްޖެ އިޝްތިހާރުކުރުމުގައި ބޭނުންކުރެވޭނެ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޮޑު 7 ހަރަކާތެއް ބާއްވަން ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 27 ވަނަ ދުވަހު ބާއްވާ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގައި މިނިސްޓްރީން ބޭއްވުމަށް ރާވަފައިވާ ކަންތައްތަކާއި ބެހޭ މައުލޫމާތު ދިނުމަށް ހޮޓެލް ޖެންގައި ސްޕޮންސަރުންނާއެކު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން މިނިސްޓްރީގެ ފަރާތުން މި ފާއިތުވެގެން ދިޔަ ދުވަސްތަކުގައި މަސަތްކަތް ކުރީ ފަތުރުވެރިކަމުގެ ދާއިރާގާއި މަސަތްކަތްކުރާ ހުރިހާ ފަރާތްތަކާއި ގުޅިގެން އިތުރަށް މި ދާއިރާ ކުރިޔަށް ގެންގޮސް ހަމަޖެހޭ އުފާވެރި މާހައުލަކަށް ބަދަލުކޮށްލަން ކަމަށެވެ. އަދި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއިއެކު އެކަންތައް ހާސިލްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިފަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރާނީ އެހެން އަހަރުތަކާ ހިލާފަށް ޓުއަރިޒަމް އިންޑަސްޓްރީއާއި އިންވެސްޓަރުންގެ ބައިވެރިވުމާއެކު ކަމަށާއި "މައްޗަށް ހަވައެއް އަރައިގެން ދިޔަސް ޓެކްސް ޕޭޔާރސް މަނީ" އެއް އަރައިގެން ނުދާނެކަމަށެވެ.

ފުރަތަމަ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެލިދު އަތޮޅު ނުވަތަ ވ އަތޮޅުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާލުވީ ބޭނުމަކީ ހުރިހާ ކަމެއް މާލޭގައި ބާއްވަން އޮންނަ ގޮތް ބަދަލުކޮށްލުންކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރާ ކަމެއް އެންމެ ރަނގަޅަށް ކުރުންކަމަށެވެ. އަދި އިވެންޓެއް ބާއްވާ ތަނެއް ކަނޑައެޅުމުގައި ގިނަ ވޯޓް ލިބޭ ތަނެއްތޯ މި ސަރުކާރުން ނުބަލާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށިގެން ދާނީ މިމަހުގެ 26 ވަނަ ދުވަހު ވ.އަތޮޅުގައި ބާއްވާ ޖަޒީރާވަންތަ ކެނޯ ރޭހަކުންކަމަށެވެ. މި ރޭހުގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ވ އަތޮޅަށް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ވ. ކެޔޮދޫއިން ފެށިގެން އެއަތޮޅު ފެލިދޫއަށް އަންހެން ޓީމު ކެނޯގައި ފަލިޖެހުމަށް ހަމަޖެހިފައިވާއިރު ވ. ފެލިދޫއިން އެއަތޮޅު ތިނަދުއަށް ކެނޯގައި ދަތުރުކުރާނީ ފިރިހެން ޓީމުންނެވެ.

Advertisement

މި އިވެންޓް ލައިވް ކުރަމުން ދާނެކަމަށާއި މުސްތަގުބަލުގައި ރާއްޖެއަކީ ކޮބައިކަން ދުނިޔެއަށް ދައްކާއިރު މި ޝޮޓްތައް ބޭނުންކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖަޒިރާވަންތަ ޑިނަރ ނައިޓްއަކާއެކު އެރޭ 12 ޖަހާއިިރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވ. އަތޮޅުގައި ހަވާ އަރުވާނެއެވެ. މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިހަރަކާތުގެ އިތުރުން 27 ސެޕްޓެމްބަރ ވަނަ ދުވަހު ފްރީ ޑައިވް ވޯލްޑް ޗެމްޕިއަން ވިލިއަމް ޓްރޫބްރިޖް އާއިއެކު ފްރީ ޑައިވް ވޯލްޑް ރެކޯޑް ޤާއިމްކުރުމަށް 500 ބައިވެރިންނާއިއެކު ބާއްވާ ޙާއްސަ ޑައިވް ހަރަކާތެއް ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައި އޮންނާނެއެވެ. ދުނިޔޭގެ ރިކޯޑު ރާއްޖޭގެ ކަނޑު އަޑީގެ މެންޒަރާއިއެކު މުގުރާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރ އަނގޮޅިތީމުގައި ވިޒިޓަރ ސެންޓަރެއް އެޅުމަށް ބިންގާ އަޅެމުށް ހަމަޖެހިފައިވާއިރު އޯޕެން ޑޭ އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ހިނގުމަށް ހަމަޖެހިފައިވާ އެހެން ހަރަކާތުގެ ތެރޭގައި ޓުއަރިޒަމް ޖޮބް ފެއަރއަކާއި ޓުއަރިޒމް އޯޕެން ޑޭ އެއް ބޭއްވުމުގެ އިތުރުން ކިޑްސް ފުޓްބޯލް ފިއެސްޓާއެއް ބޭއްވުން ހިމެނެއެވެ. 13 އަހަރުން ދަށުގެ 16 ޓީމާއެކު ފައްޓާ މުބާރާތުގައި އެންމެ މޮޅު ކުޅުން ތެރިންނަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ޤައުމީ ސްކޮޑުން ޖާގަދީ ފިއެސްޓާގެ މެހެމާން ރެއަލް މެޑްރިޑް އަދި ސްޕެއިންގެ ކުރޭގެ ކެޕްޓަން ސަލްގާޑޯ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވާ ދަރިވަރަށް ދުބާއީގެ ސްޕެނިޝް ސޮކަރ ސްކޫލުގައި ތަމްރީނުތައް ހެދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އެންމެ ފަހުގެ ހަރަކާތަކީ ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ ނައިޓްއެވެ. މި ކޮންފަރެންސްގައި ސަލާމަތާއި ރައްކާތެރިކަން ވަޒީފާގެ ފުރުޞަތު އަދި ދިވެހި ފަތުރުވެރިކަމުގެ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް