މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަފްސީލް ރިޕޯޓު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ހިއްސާކުރުމަށްވެސް ވިސްނަމަމުންދާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތަފްސީލް ރިޕޯޓު، ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރެއްވި ކަމަށާއި އެ ރިޕޯޓު މެމްބަރުންނަށް ވެސް ދެއްވުމަށް ވިސްނަމުން ދާކަމަށެވެ.
ތިޔަ ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް މުޅި ރިޕޯޓު ދިނުމާއި ގުޅޭގޮތުން އަޅުގަނޑު އެބަ ވިސްނަން. ސިއްރު ހެކި ޚުލާސާ ރިޕޯޓުގައިވެސް މުޅި ރިޕޯޓުގައި ވެސް ހާމަކޮށްފައި ނެތް.
ސިއްރުހެކި މި ރިޕޯޓަކު، ޚުލާސާ ރިޕޯޓަކުވެސް، ޖުމްލަ ރިޕޯޓަކުވެސް، ސިއްރު ހެކި ހާމަ ކޮށްފައެއް ނުވޭ. އޭގައިވަނީ ސިއްރު ހެކި އެކެއް، ސިއްރު ހެކި ދޭއް، ސިއްރުހެކި ތިނެއް، ސިއްރު ހެކި ހަތަރެއް. އެހެންމަ ސިއްރު ހެކި އެއްވެސް ރިޕޯޓެއްގައި ހާމަކުރައްވާފަކައެއް ނުވޭ. އަދި އަޅުގަނޑަކަށް ވެސް ސިއްރު ހެކިންނަކީ ކޮބާ ކަމެއް އެނގިފަކާއެއް ނުވޭ.
ތަފްސީލީ ރިޕޯޓް ރައީސް ނަޝީދަށް މަރު ކޮމިޝަނުން އެރުވީ ހޯމަ ދުވަހުއެވެ. ހަމަ އެދުވަހު ރައީސް ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެ ރިޕޯޓް ދެއްވާފައެވެ.
ރިލްވާނާ ގުޅޭ ތަފްސީލް ޑްރާފްޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންނަށް އެރުވުމުން ބޮޑެތި ފާޑުކިޔުން އަމާޒުވިއެވެ.
އެއަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި ސިއްރު ހެކިން ހާމަ ކޮށްފައި ނުވާކަމަށާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެމަނިކުފާނު ހިއްސާކުރެއްވި ރިޕޯޓް "ލީކް" ނުކުރައްވާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. އަދި އެރިޕޯޓް ދެއްވީ އަތުލެއްވުމަށް ނޫންކަމަށާއި އެރިޕޯޓް އަތުލެއްވުމުގެ ވިސްނުންފުޅެއްވެސް ނުގެންގުޅުއްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މުޅި ރިޕޯޓު، އެއީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކޮމިޝަނުގެ ރައީސް އަޅުގަނޑަށް އެރުވި ރިޕޯޓު އަޅުގަނޑު ދެންނެވިން އެރިޕޯޓު ސިޔާސީ ޕާޓިތަކުގެ ލީޑަރުންނަށް އެރުވި ކަމަށް. ބައެއް ބޭފުޅުންނަށް އެބަ ލަފާކުރެވޭ އެ ރިޕޯޓު އަލުން އަނބުރާ އެ ލީޑަރުން އަތުން އަތުލި ކަމަށް. މި މަޖިލީހުގެ ނިޒާމު ހިނގާ ގޮތް އަޅުގަނޑު ހިތުން ބައެއް ނޫސްވެރިންނަށް ހަމައެއްގޮތަކަށް ވެސް އެނގިވަޑައެއް ނުގަންނަވާ. މި މަޖިލިހުގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ އަތްޕުޅަށް ރިޕޯޓެއް އަރުވާފައި އެ ރިޕޯޓެއް އަނބުރާ އަތުލުން އެއީކީ އަޅުގަނޑަށް ޔަގީން ކަށަވަރު، ހިންގޭނެ ބާވަތުގެ އަމަލެއް ވެސް ނޫން.
އާންމުންނަށް އާންމު ކުރީ ޚުލާސާ ރިޕޯޓްކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރިލްވާންގެ ރިޕޯޓު އާންމުކުރުމުން ލިބުނު ފައިދާ އާއި ނަތީޖާ ގިނަ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދޅުވެފައިވާ ކަމަށެވެ.