ދުރާލާ ރާވައިގެން މިނިވަން ނޫހުގެ ނޫސްވެރިރާ އަހްމަދު ރިޟްވާން މަރާލި މަރާލުމަކީ މުޅި މީޑިއާއަށް ދިން އުދުވާނީ ހަމަލާއެއް ކަމުގައި މީޑިއާ ކައުންސިލުން ބުނެފިއެވެ.
މީޑިއާ ކައުންސިލުން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިޔާ ރިޟްވާން ވަގަށް ނަގައި، ވަރަށް އަނިޔާވެރިކޮށް މަރާލާފައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ކަމަށް ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވެފައިވާ އިރު، މިއީ އެންމެހާ ނޫސްވެރިންނާއި އާންމު ރައްޔިތުން ހިމެނޭ ގޮތުން މުޅި މުޖުތަމައަށް އޮތް ނުރައްކަލަކާއި، ބިރުވެރިކަމެއް ކަމަށެވެ.
އަދި މިއީ ރާއްޖޭގެ މީޑިއާގެ ކުރިމަގާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވި ބިރުވެރި ނުރައްކާތެރި ކަމެއް ކަމަށްވެސް ކައުންސިލުން ބުންޏެވެ. އެހެންކަމުން މީޑިއާއަށް ދެވޭ މިފަދަ ހީލަތްތެރި ހަމަލާތަކާ މެދު މީޑިއާ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާކަމަށާ މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރިޟްވާން ރަހީނުކޮށް މަރާލުމުގެ އަނިޔާވެރި ހާދިސާ ހިނގުމުގައި ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ރިޕޯޓުން ފާހަގަވެފައި ވާއިރު، ރިޟްވާންގެ އާއިލާއިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގައި އާދޭސްކުރަމުން ދިޔައިރު ވެސް، މުއައްސަސާތަކުން ކަމުގެ ހަގީގަތް އެނގިތިބެ އެކަން ސިއްރުކޮށް ކަމުގެ އަސްލު އޮޅުވާލަން މަސައްކަތް ކުރުމަކީ ކައުންސިލުން އިންތިހާއަށް ލަދުގަންނަ އަދި ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.
މި ބަޔާނުގައި ކައުންސިލުން އިތުރަށް ބުނެފައިވަނީ ނޫސްވެރިޔާ ރިޟްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމާއި ހައްދުފަހަނައަޅާފައިވާ މިފަދަ ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް، އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްކުރުމެއް ނެތި، އަޅާނެކަމުގެ ޔަގީންކަން ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުން ރައްޔިތުންނަށް ދޭންޖެހޭކަމުގައެވެ. އަދި މި އަނިޔާވެރި އަމަލު ހިންގުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކާއި، އިހުމާލުވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.
ރިޟްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށާއި، މިކަމާ ގުޅޭ ހަބަރާއި މައުލޫމާތުތައް ފެތުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ ނޫސްވެރިންގެ ރައްކާތެރިކަމަށާއި، މިނިވަން މީޑިއާގެ ވެއްޓެއް ގާއިމުކުރުމަށް އަދި ނޫސްވެރިންގެ މަސައްކަތަށް ހުރި ހުރަސްތައް ނައްތާލާ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިވާ އެންމެހާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ. އަދި ނޫސްވެރިންނާއި މީޑިއާ ސްޓޭޝަންތަކަށް ދޭ އެކި އިންޒާރުތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަހުގީގުކޮށް ނޫސްވެރިންގެ މަސައްކަތަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ވެސް ކައުންސިލުން ވަނީ ގޮވާލާފައެވެ.