ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 18:44
ރިލްވާންގެ މަންމަ ރާއްޖެ.އެމްވީއަށް އިންޓަވިއުއެއްދެނީ
ރިލްވާންގެ މަންމަ ރާއްޖެ.އެމްވީއަށް އިންޓަވިއުއެއްދެނީ
ރާއްޖެ އެމްވީ
ރިލްވާން
ރިލްވާންއަށް މަންމަގެ ފަހު ބަސް: ދަރިފުޅާ ނުދާތި އެހެންތަނަކަށް، ލަސްވަންދެން ބޭރުގައި ނޫޅޭތި!
ދަރިފުޅު ފެނުނު އެންމެ ފަހު ރޭ އާއިލާއާ އެއްކޮށް ހޭދަކުރީ ވަރަށް ވެސް އުފާވެރި ވަގުތުކޮޅެއް
އޭނާ މަރާލި މީހުންނަށް ދުވަހުކުވެސް މާފުނުކުރާނެ ކަމަށް އާއިލާ އިން ބުނި
ރިލްވާނަށްވީގޮތެއް ހޯދުމަށް ނޫސްވެރިންނާއި، ރަހުމަތްތެރިން ކުރި މަސައްކަތަށް މަންމަ ޝުކުރުއަދާކުރި

"އެރޭވެސް ހަމަ މަންމަ އަތުން ކައިގެން މަންމަ ކޮޓަރި ތެރޭގައި ވާހަކަދައްކަން ހުރެފައި ހީހީފައި މަންމަ ދަނީއޭ ކިޔާފައި ދިޔައީ. ދާން ހެދީމަ ވެސް ބުނިން ނުދައްޗޭ އެހެން ތަނަކަށް ލަސްވަންދެން ނޫޅޭށޭ." މިއީ މިހާރު އުމުރުން 74 އަހަރުގެ އަހުމަދު ރިލްވާން އަބްދުﷲގެ މަންމަ އައިމިނަތު އީސާ އޭނާގެ ދަރިފުޅާ ބައްދަލުވިފަހުރޭ ބުނި އެންމެ ފަހު ޖުމްލައެވެ.

އެރޭ ދަރިފުޅު އާއިލާއާ އެއްކޮށް ހޭދަކުރީ ވަރަށް ވެސް އުފާވެރި ވަގުތުކޮޅެކެވެ. އެއީ އެ ދެމައިން ބައްދަލުވާނެ އެންމެ ފަހުރޭ (2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭ) ކަމަށް އެއްވެސް މީހަކު ހިތަކަށް ނާރައެވެ. މަންމަގެ ގެއިން ރިލްވާން ނިކުމެގެން ދިޔައީ އަނެއް ދުވަހުވެސް މަންމަގެ އަތުން ކައިގެން ހީ ސާމަސާކޮށްލެވޭނެ ކަމުގެ ފޮނި އުންމީދާއެކުގައެވެ. އެހެނަސް ކަން ދިމާވީ އެގޮތަށް ނޫނެވެ. ރިލްވާން ގެއިން ނިކުމެގެން ދިޔަތާ މާގިނައިރުތަކެއް ނުވަނީސް އައިލާއަށް އޭނާ ގެއްލުނުކަމުގެ ހަބަރު ލިބުނެވެ.

މިއަދާ ހަމައަށް އައިރު އާއިލާ އިން މަސައްކަތް ކުރަމުން ދިޔައީ ރިލްވާން އަށް ވީނުވީއެއް ހޯދުމަށެވެ. ވެރިންގެ ފައިބުޑަށް ވެއްޓި މަގުމަތީގައި އިންސާފަށް އެދި ހިނގައި، ރިލްވާނަށް ވީނުވީއެއް ހޯދުމަށް ކުރެވުން ހުރި ހުރިހާ ކަމެއް ކުރިއެވެ. ކިތަންމެ ގިނަ ބަޔަކު ރިލްވާން މިހާރު މަރުވެއްޖެޔޭ ބުންޏަސް އެކަމަށް އާއިލާ އިން ދިނީ ބީރު ކަންފަތެކެވެ. އެތައް ބަޔަކު ކައިރީގައި އޭނާގެ މަންމަ ބުނަމުން ދިޔައީ ރިލްވާން މަރުނުވާ ކަމަށާއި ކޮޅެއްގައި ޖެހެންދެން މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އެ މަސައްކަތުގައި އޭނާގެ އާއިލާ 5 އަހަރު ދެ ގޮތެއް ނުވެ ހިތްވަރާއެކު މަސައްކަތް ކުރިއެވެ.

ރިލްވާނަށް ވީނުވީއެއް ނޭގުނު ނަމަވެސް އޭނާ ގެންގުޅުނު ހުރިހާ ސާމާނެއް އޭނާގެ މަންމަ ގެންގުޅުނީ ވަރަށް ލޯބިން ފޮރުވައިގެންނެވެ. އެންމެ ފަހަކާއި ޖެހެންދެން އޭނާގެ ހެދުންތައް ވެސް މަންމަ އަތުގައި ހުއްޓާ ހަދިޔާ ކުރީ އިންޑިއާގައި ހުރި ޔަތީމުހާނާއަކަށެވެ. ރިލްވާން ލިޔެފައި އޮތް ކުޑަ ކަރުދާސް ކޮޅަކަސް، އޭނާ ގެންގުޅުނު ފޮތަކަސް އާއިލާ އިން ވަނީ ވަރަށް ފަރުވާތެރިކަމާއެކު ފަސް އަހަރުވަން ދެން ބަލަހައްޓާފައެވެ.

އަޅުގަނޑު މި ކިޔަނީ އަޅުގަނޑުގެ ދަރިފުޅު މަރެއް ނުވެޔޭ. ހަމަ އެބަހުއްޓޭ ދުނިޔޭގައި. ފަސް އަހަރުވީ އިރު ވެސް އެހެން ކިޔަމުން މި އައީ. ކޮމިޝަނުން މިހާރު ޔަޤީންކޮށްދީފި މަރުވެއްޖެ ކަމަށް. މިއޮތް ހުރިހާ ދުވަހު އެޅީ ކަރުނަ، ހިތާމަ ކުރަނީ ކަށުނަމާދުކޮށްލަން ވެސް އެ އަތް މައްޗަށް ނުލިބުނުކަން. އެއީ އެންމެ ހިތާމަކުރާ ކަމަކީ. އެހެން މީހުން ވެއްޖެއްޔާ މަރާލާފައި މަސްގަނޑު ވެސް ދައްކާ. އެކަމަކު މި ދަރިއަށް އެފަދަ ވަރެއް ވެސް އެ މީހުން ނުކުރި. މިއީ ކޮންފަދަ ބޮޑު އަނިޔާއެއް؟
އައިމިނަތު އީސާ / ރިލްވާންގެ މަންމަ

ރިލްވާންގެ މަރުވިކަން ކަށަވަރުވުމުން އެ ނިކަމެތި މަންމަގެ ހިތް ފަޅައިގެން ދިޔައެވެ. ހިތަށް ވެރިވީ ހަމަ އެންމެ ސުވާލެކެވެ. އެ ކުއްޖާ މަރުން ސަލާމަތް ވުމަށްޓަކައި ކުރަމުންދާނެ މަސައްކަތެވެ. އެ ރަހުމް ކުޑަ މީހުންގެ ކިބައިން ސަލާމަތްވުމަށްތަކައި މަރަށް ތެޅޭނެ ގޮތެވެ.

މިހާރު މި ހިތަށް އަރަނީ އޭނާ އެކަމުން ސަލާމަތްވާން އުޅޭނެ ގޮތެއް. މިހާރު އަބަދު ހަމަ އެހެން ހިތަށް އަރާފައި ރޮވެނީ. ހިތްދަތިވަނީ މިހާރު ހަމަ. އިންސާނުން އިންސާނަކަށް ހެދި ގޮތް ބަލާލަބަ. އޭނާ އަޅެ އެ މަރުން ސަލާމަތްވުމަށްޓަކައި ކިހާ މަސައްކަތެއް ކުރާނެތަ؟ އެންމެ ފުރާނައަކަށް ކިތައް މީހުން އެ ދިމާކުރީ
އައިމިނަތު އީސާ / ރިލްވާންގެ މަންމަ

ރިލްވާންގެ މަންމަ މިހާރު އެންމެ ދެރަވާ ކަމަކީ މީގެ ތިން އަހަރު ކުރިން ރިލްވާން މަރުވިކަން ކަށަވަރުވި ކަމަށް ކުރީގެ ސަރުކާރުގެ އިސްވެރިން ބުނުމުންނެވެ. އެކަންތައް އެނގި ހުރެ އޭރުގެ ސަރުކާރުގެ އިސްވެރިން އެކަން ސިއްރު ކުރުމުންނެވެ. ރިލްވާނަށް ވީނުވީއެއް ނޭނގި އާއިލާ ގަނަ ތެޅުމަށްޓަކައި މަގުމައްޗަށް ދޫކޮށްލުމުންނެވެ.

ރިލްވާންއަށް ވީނުވީއެއް ހޯދުމަށްޓަކައި ބޭއްވި މުޒާހަރާތަކުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ
އޭރު އުމަރު ނަސީރު ކައިރިއަށް ވެސް އަޅުގަނޑު ކިހާވަރަކަށް ދިޔައިން. ގޮސް އޭނާގެ ދެ ފައިބުޑަށް ވެއްޓި މި ވާހަކަތަކަށް ދެއްކިން. އެކަމަކު ކޮމިޝަނުން އެ ރިޕޯޓް ނެރުނީމައި އެ ބުނީ ކީކޭ؟ ހިތްފަޅައިގެން ދޭ އެގޮތަށް އިވުމުން. ކީއްވެހޭ އޭނަ ދޮގު ހަދައިގެން އެފަދަ ބޮޑު ކަމެއް އެ ކުރީ؟ ހިތާމަކުރަން މިއަދު އެ ކުއްޖާގެ ކަންތައްތައް އެގޮތަށް އެ އެންމެން ފޮރުވީތީ. އެންމެން އަޅުގަނޑަށް ހެދީ ދޮގު
އައިމިނަތު އީސާ / ރިލްވާންގެ މަންމަ

ރިލްވާންގެ މަންމަގެ ލޮލުގެ ފިނިކަން ފަދައިގެން ދެކޭ ދަރިފުޅު މަރާލި މީހުންނަށް ދުވަހަކުވެސް މާފު ނުކުރާނެ ކަމަށާއި އެމީހުންނަށް ހައްޤު އަދަބު ލިބޭތަން ބަލަން ބޭނުންވާ ކަމަށް ރިލްވާންގެ މަންމަ ބުންޏެވެ.

މަރާލާފައިވާ ނޫސްވެރިޔާ ރިލްވާން -- ފޮޓޯ: ސޯޝަލް މީޑިއާ
ކޮން އުނދަގުލެއް ކޮށްގެން އެ ކުއްޖާއަށް އެ މީހުން އެހެން ހެދީ، ކަރު ބުރިކޮށްލާ ދެން ޖެހުނު ކަމެއް އެ ކުރީ. ދުވަހަކު މާފެއް ނުކުރާނަން އެ މީހުންނަށް، މާތްﷲ އެ މީހުންނަށް އެކަން ދައްކަވާނެ އިރާދުކުރެއްވިއްޔާ. ކޮންކަމަކާއި ލައިގެން އެ ކުއްޖާ ފަހަތުން އެ އުޅުނީ؟ އޭނަ އަކީ ލާދީނީ މީހެއް ނޫން، ނަމާދު ވެސް ކުރާނެ، ކަށު ނަމާދުތަކަށް ވެސް ދާނެ. ބުނާނެ ކަށު ނަމާދަށް ގޮވާކަން މަންމައަށް އެނގުނަސް ބުނައްޗޭ
އައިމިނަތު އީސާ / ރިލްވާންގެ މަންމަ

މެދުކެނޑުމެއް ނެތި ރިލްވާންގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިގެން އިތުރުން ނޫސްވެރިން ކޮށްދިނުން ބުރަ މަސައްކަތަށް ރިލްވާންގެ މަންމަ ވަނީ ޝުކުރު އަދާކޮށްފައެވެ. ރިލްވާންގެ މަންމަގެ ދުއާ އަކީ އޭނާގެ ދަރިފުޅަށް ދިމާވި ފަދަ ކަމެއް މި ރާއްޖޭގެ އެއްވެސް ދަރިއަކަށް ދިމާނުވުމެވެ.

- ކޮމެންޓް