ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރަައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރެއްވި 2 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ.
އެ ދެ ފަނޑިޔާރުންނަށް މަގާމުގެ ލިޔުން ދެއްވާފައިވަނީ ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސް އޮފީހުން ބުނީ އަޒްމިރާލްދާއާއި އަލްއުސްތާޛާ ޝުޖޫން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެދެބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުން އެ ދެބޭފުޅުންނަށް ރުހުން ދިނުމުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
އަޒްމިރަލްދާއާއި ޝުޖޫންއަށް މަޖިލީހުން ރުހުން ދީފައިވަނީ އަންގާރަ ދުވަހު މަޖިލީހުގައި ބޭއްވި ޖަލްސާގައި ހާޒިރުވެވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުންނެވެ.
މިއީ ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރި ފުރަތަމަ ފަހަރެވެ.