ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމު ކޮށްގެން އައްޑޫ ސިޓީގައި މިއަދު ފެށި 5 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުލީމީ ދާއިރާގައި ޤައުމުތަކުން ހޯދަމުންގެންދާ ކުރިއެރުންތައް ފާހަގަކުރައްވައި، މިފަދަ ޤައުމުތަކުގައި ބޭނުންކުރަމުން ގެންދާ ތަޢުލީމީ މަންހަޖުތައް ދިރާސާކޮށް، ދަރިވަރުންގެ ކުރިއެރުމަށްޓަކައި މިފަދަ މަންހަޖުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
އަދި މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި ތަޢުލީމީ ދާއިރާގައި އެޤައުމުން ފެނިވަޑައިގެންނެވި ތަޢުލީމީ ސިޔާސަތުތަކުން މިސާލު ނަންގަވައިގެން ބައެއް ކަންކަން އެމަނިކުފާނުވަނީ ޙިއްޞާ ކުރައްވާފައެވެ. ނައިބު ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއްދީގެން ފިންލެންޑުގައި އެކުލަވާލާފައިވާ ތަޢުލީމީ މަންހަޖަކީ ތަފާތު ގޮތަކަށް ބައްޓަންކުރެވިފައިވާ މަންހަޖެއް ނަމަވެސް، އެމަންހަޖުގެ ސަބަބުން ފިންލެންޑަކީ ދުނިޔޭގެ ފެންވަރުގައި ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ޤައުމަކަށްވެފައިވާ ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ 4 އިން 5 އަށް އައްޑޫގައި ކުރިޔަށް ދާ ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރާ ޤައުމީ ފެންވަރުގެ އިތުރުން ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކޮށް، ތަޢުލީމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކުގެ ޚިޔާލާއި ފަންނީ މަޝްވަރާ ޙިއްޞާކުރުމަށް އެކަށޭނަ މާހައުލެއް ޤާއިމް ކޮށްދިނުމެވެ.