ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.)ގެ ހަވާސާގައި ބޭރު ގައުމުތަކުގެ ބައެއް އިއްޒަތްތެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި ބޭރު ގައުމުތަކުގެ 10 އިއްޒަތްތެރިންނާ އެކު ބޭއްވި މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ގައުމުތަކަށް ދިމާވާ ތަފާތު އެކި ގޮންޖެހުންތަކާ ބޭހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން، މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ދުނިޔެ ހޫނުވުމާއި، ދީނީ ހަރުކަށި ފިކުރުތައް ފެތުރުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކާއި، ގައުމުތަކުގެ ކަނޑާއި ވައިގެ ސަރަހައްދުގެ ތެރޭގައި ހިނގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުން ފަދަ މައްސަލަތައް ހިމެނެއެވެ.
ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރެއްވި ބޭފުޅުންނަކީ، ނޭޕާލްގެ ފޮރިން އެފެއާޒް މިނިސްޓަރ ޕްރަދީޕް ކުމާރު ޔަވާލީ، އޮމާންގެ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް، ޞައްޔިދް ބަދުރު ބިން ޙަމަދް އަލް ބުޞައިދީ، ބަންގްލަދޭޝްގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، ޝަހްރިއާ އާލަމް، ސީޝެލްސްގެ މިނިސްޓަރ އޮފް ހޯމް އެފެއާޒް، ލޯކަލް ގަވަރންމަންޓް، ޔޫތު، ސްޕޯޓްސް، ކަލްޗަރ، އެންޑް ރިސްކް އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް (ޑެޒިގްނޭޓަޑް މިނިސްޓަރ) މެކްސުޒީ މޮންޑޮން، މޮރިޝަސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ރީޖަނަލް އިންޓެގްރޭޝަން އެންޑް އިނޓަރނޭޝަނަލް ޓްރޭޑް ނަންދްކޫމަރ ބޯދާ، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ސްޓޭޓް އަޙްމަދު ޢަލީ އަލް-ޞައްޔިދު، ސިންގަޕޫރުގެ ފޮރިން އެފެއާޒް މިނިސްޓަރ، ވިވިއަން ބަލަކްރިޝްނަން، ބޫޓާންގެ ފޮރިން އެފެއާޒް މިނިސްޓަރ ތަންޑީ ޑޯޖީ ،ޖަޕާންގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ތޮޝިކޯ އަބޭ އަދި ޓިމޮރ ލެސްޓޭގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފިޝަރީޒް، ޖޯކުއިމް ޖޯޒޭ ގުސާމޯ ދޮސް ރީސް މާޓިންސް އެވެ.
ރައީސް ސޯލިހް ވަނީ އައި.އޯ.ސީ ގެ ބައިވެރިންގެ ޝަރަފުގައި ރޭގަނޑުގެ ފަރިއްކޮޅެއް ވެސް އަރުއްވާފައެވެ.
ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސަކީ އިންޑިޔާ ފައުންޑޭޝަން އިން ދިވެހި ސަރުކާރާއި، ސިންގަޕޫރުގެ ރަޖަރަތްނަމް ސްކޫލް އޮފް އިންޓަރނޭޝަނަލް ސްޓަޑީޒްއާއި ގުޅިގެން އިންތިޒާމުކުރި ކޮންފަރެންސެކެވެ. އައި.އޯ.ސީ. 2019ގެ މައިގަނޑު މައުޟޫއަކީ "ސެކިއުއަރިންގ ދި އިންޑިއަން އޯޝަން ރީޖަން: ޓްރެޑިޝަނަލް އެންޑް ނޮން-ޓްރެޑިޝަނަލް ޗެލެންޖަސް" އެވެ.