އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަރަހައްދުގެ ކޮންމެ ގައުމަކުން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ޖެހޭ ކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާސް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެެއެވެ.
އިންޑިއަން އޯޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، މި ކޮންފަރެންސް އިން ފެނިިގެން ދަނީ އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ އުފެއްދުންތެރިކަން ކަމަށާއި، '' އޯޝަން އޮފްދަ ސައުތް'' އިން މެދުތެރޭ ކަނޑުގެ ސަރަހައްދަކަށް އިންޑިއާ ކަނޑު ބަދަލުވަމުންދާތަން ކަމަށެވެ. އަދި އެއީ ''އޯޝަން އޮފްދަ ފިއުޗާ'' ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ، މުސްތަގްބަލަކީ އިންޑިއާ ކަނޑުގެ ސަރަހައްދު ކަމަށެވެ.
ދުނިޔޭގެ ތިންވަނަ އަށް އެންމެ ބޮޑު، އިންޑިއާ ކަނޑުގެ އާބާދީގައި 2.5 ބިލިއަން ދިރިއުޅެމުންދާކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ ކަނޑަކީ ދުނިޔޭގެ އެހެނިހެން ގައުމަތަކަށް މުހިއްމު މަންޒިލެއް ކަމަށާއި އިގްތިސާދީ ގޮތުން ބެލިޔަސް އިންޑިއާ ކަނޑަކީ އެކި ގޮތްގޮތުން ގުޅިލާމެހިފައިވާ ސަރަހައްދެއް ކަމަށެވެ.
2050 ވަނަ އަހަރު ދުނިޔޭގެ އާބާދީގެ ދެބައިކުޅައި އެއްބައި މީހުން އިންޑިއާ ކަނޑުގެ ގައުމުތަކުގައި އުޅޭނެ ކަމަށް ލަފާކުރައްވަމުން އޭނާ ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލަމާތާއި ރައްކާތެރިކަމަކީ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުން ހަދާފައިވާ ގާނޫނު ތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކުން އެންމެ އެކަށީގެންވާ ގޮތަށް އެކަންތަކަށް ހައްލު ނުހޯދޭ ކަމަށާއި، ރަނގަޅު ނިޒާމެއް އެކުލަވާލައި އެކަންކަން ހައްލުކުރަން ޖެހޭ ކަމަށާއި، ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ސަރުކާރާއި ރައްޔިތުންނާއި އެކު ގައުމީފެންވަރުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.