ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާއިމެދު ގޮތެއް ނިންމަން އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝުޖޫން އަދި އަޒްމިރަލްދާ އައްޔަންކުރަން ފެންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ޖޭއެސްސީން މިގޮތަށް ނިންމެވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނާއި އިންޓަރވިއު ކުރެއްވުމަށް ފަހުގައެވެ. އަދި އެ ދެބޭފުޅުން ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެންނަކަމަށް އެ ކޮމިޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުއްވާފަ އެވެ.
ރައީސް ސޯލިހަށް އެގޮތަށް ލަފާއެރުވުމާއެކު، ފަނޑިޔާރުކަމަށް ދެބޭފުޅުން އައްޔަންކުރުމަށް މަޖިލާހަށް ހަމަ އެ ދުވަހު ފޮނުވާފައިވެއެވެ. އަދި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވިއިރު، އެ ކޮމެޓީން ވަނީ އަޒްމިރަލްދާ އަދި ޝުޖޫނަށް ރުހުންދިނުމަށް ފެންނަކަމަށް ނިންމާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެބޭފުޅުން އައްޔަންކުރެވިގެންދާނީ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އަދި ފަނޑިޔާރު އަބްދުﷲ އެވެ. އޭގެތެރެއިން ފަނޑިޔާރު އަބްދުﷲ ދީދީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއާއެކު އެ ކޯޓުގައި މިހާރު ތިއްބެވި 4 ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާއެކު ވެވަޑައިގަންނަވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަން ކުރެވޭ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންނަށެވެ.