ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ހެކިބަސް ނުދެއްވާނެކަމަށް ވިދާޅުވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ހޯމަ ދުވަހު ވިދާޅުވީ އަދުލުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތަތީ އާއި އަދިލުވެރި ހެކިބަހެއް އަދާ ކުރެވޭ ފަދަ މާހައުލެއް މިހިނދަށް ގާއިމްވެފައި ނެތުމުގެ ސަބަބުން ފުރާނައަށް އޮތް ނުރައްކަލައަށްޓަކައި މައްސަލައިގެ ހެކިބަސް އަދާކުރުމުން ތަނާޒުލްވާކަމަށް ވިދާޅުވެ އެކޯޓަށް ލުތުފީ ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާގައި ދައުލަތުން ހުށައެޅި ޝަފައީ ހެކިންގެ ތެރޭގައި ވެސް ލުތުފީ ހިމެނި ވަޑައިގަންނަވައެވެ. އެހެންކަމުން ލުތުފީގެ މައްސަލައިގައި ހެކި ނަގާނީ ކިހިނެތްތޯ ހައިލަމް ދައުލަތާއި ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ޔާމީނަށް ކުރެވޭ މަނީ ލޯންޑަރިން ދައުވާއާއި ގުޅިގެން ލުތުފީ ފުލުހުންގެ އިދާރާއަށް ދެއްވި އިންޓަވިއު ރެކޯޑިންއެއް ފުލުހުން ނަގާފައިވާ ކަމަށެވެ. އެ އިންޓަވިއުގައި ކޯޓަށް ފޮނުއްވި ސިޓީގައި ފާހަގަ ކޮށްފައިވާ އެއްވެސްކަމެއް ލުތުފީ ފާހަގަ ކުރައްވާފައިނުވާކަމަށާއި ކިތާބީ ހެކިތަކަށް ބަލާއިރު ރެކޯޑިން ބެލުމަށްފަހު ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް އެދިލައްވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ލުތުފީ ފުލުހުންގެ އިދާރާއަށް ސިޓީ ފޮނުއްވާ އެސިޓީގައި ޝަރީއަތަށް ހުށައަޅާފައިވާ ފުލުހުންގެ ރިޕޯޓުގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރައްވާފައި ނުވާނެ ކަމަށާއި އަދި އެ މައްސަލައިގައި ވަކިން ވެސް ޔާމީންއާ ބައްދަލު ކުރައްވާފައި ނުވާކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ މައްސަލަ ބަލާކަމާއި، ފުލުހުންގެ ތަހުގީގުގައި ލުތުފީއާ އިންޓަވިއު ކުރުމުގައި ލުތުފީއަށް މަޖުބޫރު ކޮށްފައިވަނީ ފުލުހުން ނޫންކަމާއި ދައުވާ ލިބޭފަރާތުންކަން އޭނާ ދެއްވާފައިވާ އިންޓަވިއު އިން އެނގިލައްވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
މަގާމުގެ ޒިންމާ އަދާނުކުރައްވައި މުސާރަ ނަންގަވާ މައްސަލައިގައި ލުތުފީ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމި ތަނާހެން އޭނާ ވަނީ ޖޫން މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވީ މެލޭޝިއާގައި ހުންނަވައިގެންނެވެ. އަދި މިހާރުވެސް ލުތުފީ ހުންނެވީ މެލޭޝިއާގައެވެ.