މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ރައީސް އަބްދުﷲ ޔާމީނާއި އަދި އެމަނިކުފާނުގެ ސަރުކާރާވެސް ގުޅުމެއް ނެތް ކަން ރައްޔިތުންނަށް ހާމަވެފައިވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް ދި މޯލްޑިވިސް އިން ބުނެފިއެވެ.
ޕީޕީއެމްއެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އާދިއްތަ ދުވަހު ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ހާމު ކުރީ ސާބިތުނުހިފޭ މައުލޫމާތެއް ކަމަށެވެ. ޕީޕީއެމް އިން ބުނެފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގަށް ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވާއިރު ، ކޮމިޝަނުން ހާމަކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ފުލުހުން ތަހުގީގުކޮށް ހޯދައިފައިވާ މައުލޫމާތުތައް ކަމަށެވެ. އަދި ކުށުގެ ތުހުމަތު ކޮށްފައިވާ މީހުންނަކީ ޔާމީންގެ ވެރިކަމުގައި ތަހުގީގުތަކަށް ލިބުނު މައުލޫމާތަށް ބަލައި ހައްޔަރުކޮށް، ދައުލަތުން ދައުވާކޮށްފައިވާ މީހުން ކަމަށެވެ. އަދި ނޫސްވެރިޔާ ރިލްވާން ގެއްލުވައިލުމާ ، ރައީސް ޔާމީނާއި ގުޅުވައިގެން އެއިރުގެ އިދިކޮޅުފަރާތްތަކުން އެތައް އަހަރެއް ވަންދެން ދައްކަމުން އައީ ސާބިތު ނުހިފޭ ދޮގު ވާހަކަ ތަކެއް ކަމަށާއި ރިލްވާންގެ މަރާއި ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅުމެއް ނެތްކަން ރައްޔިތުންނަށް މިހާރު ސާބިތުވެފައިވާ ކަމަށެވެ.
ނަމަވެސް ރިލްވާނަށް ވީނުވީ ބަލަން ތަހުގީގީ އިދާރާއިން ފެށުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މައްސަލަ ޑައިވާޓް ކުރަން މަސައްކަތް ކުރެއްވިކަން ތަހުގީގަށް ހާމަވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ. އެގޮތުން، ކާހިނުންނާއި ފާލުބަލާ މީހުން ބޭނުންކޮށްގެން ފަންޑިތަ ހަދައި ރިލްވާން ހޯދަން ކަމަށް ބުނެ މާފަންނު ގެއަކާއި ވިލިމާލެއަށް ދަންވަރުގެ ވަގުތު ފުލުހުން ފޮނުވާފައިވާ ކަން ހާމަވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ޕީޕީއެމްއިން ވަނީ މަރުތައް ބަލާ ކޮމިޝަނުން އާދީއްތަ ދުވަހު ދެއްކި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.