ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 10:57
މަރުޙަބާ ވިދާޅުވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން
މަރުޙަބާ ވިދާޅުވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ރަނިލް
ސްރީލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ހޫނު މަރުޙަބާއެއް
ރަސްމިއްޔާތު އޮތީ ހޯމަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި
ރަނިލް ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހައަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ.

ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު އޮތީ ހޯމަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ރަނިލް ރާއްޖެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށެވެ.

ލަންކާގެ ބޮޑުވަޒީރު މާލެ ފައިބާ ވަޑައިގެންނެވުމުން، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެއަށްފަހު، ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުން ވަނީ ސްކޫލް ކުދިން ހުށަހަޅައިދިން ޘަޤާފީ އައިޓަމެއް ބައްލަވާލައްވާފައެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ލަންކާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 07 ބަޑީގެ ސަލާމެއް އަރުވާފައިވާއިރު ލަންކާއާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ވެސް ވަނީ ކުޅެފައެވެ.

މަރުޙަބާ ވިދާޅުވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން

މަރުޙަބާ ވިދާޅުވުމުގެ ރަސްމިއްޔާތަށް ފަހު، ލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ، ރައީސް ސޯލިހުގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު ލަންކާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން މި ދަތުރުފުޅާއި ބެހޭގޮތުން ދެ ލީޑަރުން ގުޅިފައިވާ ބަޔާނެއް މީޑިޔާއަށް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުގައި، ރާއްޖޭގައި މި ސެޕްޓެމްބަރު މަހުގެ 3 އިން 4 އަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސް ޗެއާ ކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް