ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 17:48
އަހުމަދު ރިލްވާން
އަހުމަދު ރިލްވާން
ރާއްޖެ އެމްވީ
އަހުމަދު ރިލްވާން
ރިލްވާން މަރާލާފައިވަނީ ދީނީ ހަރުކަށި ޖަމާއަތަކުން، މަރާލީ ޝަހާދަތް ލައިދިނުމަށްފަހު: ކޮމިޝަން
ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު
ބިލާދުއް ޝާން މީޑިއާގެ ތުހުމަތުތަކަށް ރިލްވާން ވަނީ އިންކާރުކޮށްފައި
ތަހުގީގު ޑައިވާޓް ކުރަން ކުރީގެ ރައީސް ޔާމީން މަސައްކަތްކުރެއްވި

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލާފައިވަނީ ދީނީ ހަރުކަށި ޖަމާއަތަކުން ކަމަށް މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފި އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގައެވެ.

މަރުގެ އިންޒާރު: ބިލާދުއް ޝާން މީޑިއާގެ ތުހުމަތުތަކަށް ރިލްވާން ވަނީ އިންކާރުކޮށްފައި!

އަހަންނާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ނުފަތުރާށެވެ. ކަލޭގެ ދޮގުތަކަށް މާތްﷲ ކަލެއަށް ލައުނަތް ލައްވާނެ. އެހެން އިންސާނެއްގެ ހައްގުތަކަށް އަރައިގަންނަ މީހާ މާފު ދިނުމުން މެނުވީ އެމީހަކަށް ﷲ މާފުނުކުރައްވާނެކަން ކަލެއަށް އެނގޭނެކަމަށް އަހަރެން އުންމީދުކުރަން. ކަލޭ ތިޔަ ބުނީ އަހަރެންގެ ބޭބެއަކީ ދޮގު ހަދާ މީހެކޭ އަދި މުނާފިގެކޭ. އޭނާ އަހަރެންނޭ ކިޔައިގެން ދޮގުހަދަމުން ދަނީ އަހަރަމެންގެ އާއިލީ މައްސަލަޔަކާއި ހުރެ. އެއީ މަގޭ އާއިލީ ވާހަކައެއްކަމުން އަހަރެން އެވާހަކަ ކަލެޔާ ހިއްސާކުރަން ބޭނުމެއް ނުވެ. އެހެންކަމުން އިވޭ ކޮންމެ ދޮގު ވާހަކައެއް ހިފައިގެންގޮސް އެވާހަކަ ނުފަތުރާ. ކަލޭ ރަނަގަޅަށް ގުރުއާނަށް ތަބާވާނަމަ ކަލެއަށް އިވޭ ވާހަކަތަކުގެ ދޮގު ތެދު ކަށަވަރު ކުރަން ޖެހޭނެ. އަހަރެންގެ ގެ ހޯދައިގެން ގެއަށް ގޮސް އަހަރެންގެ މަންމަޔާއި ދައްތަމެންނާއި އަހަރެންގެ ރައްޓެހިންނާއި މަސަތްކަތް ކުރާ މީހުން ކުރެ އަހަރެން ނަމާދުކުރޭތޯ އާއި ރޯދަ ހިފާތޯ ބަލާ. ސަލަފުގެ ހިޔާލުތަކަށް އަހަރެން ދެކޯޅު ހަދާތީވެ އަހަރެން ފިތުނަ އުފައްދަން ބޭނުންވާނަމަ އަހަންނަކީ ލާދީނީ މީހެކޭ ކިޔަންޏާ ކިޔާ. އެހެންނަމަވެސް އަހަންނަކީ އެއްވެސް ކަލަކު ވޮޑިގެންވާކަމަށް ގަބޫލްނުކުރާ މީހެކޭ ނުކިޔާ. އަހަންނަކީ އެއް އިރެއްގައި ޖިހާދީއެއް، އަދި އެއް އިރެއްގައި އަހަރެންގެ ދީނާއި މެދު އަހަރެން ޝައްކު ކުރީން. ނަމަވެސް އެއީ 5 ނުވަތަ 6 އަހަރު ކުރީގެ ކަމައް. އެހެންނަމަވެސް އަހަރެން ގުރުއާނަށް ނުވަތަ ރަސޫލާއަށް ފުރައްސާފަކޮށްފައެއް ނުވާނެ. އަހަރެން އެފަދަ ކަމެއް ކޮށްފައިވާނަމަ އަހަރެން އެފަދަ ކަމެއް ކޮށްފައިވާ ތަނެއް ދެއްކުމަށް އަހަރެން ކަލެޔަށް ގޮންޖަހަން. ވީމާ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލާ. ތިބުނާ ޕޭޖެއްގައިވެސް އެއްވެސް މައުލޫއަކަށް އަހަރެން ކޮމެންޓެއް ނުކުރާތާ އަހަރުތަކެއް ވެދާނެ. ފާޅުގައި ދީން ގަބޫލުނުކުރާ އެތައް ދިވެހިން މިތާނގައި އުޅުން ނަމަވެސް ކަލޭމެންނަށް އަހަރެން ދޫކޮށްފައި ބެހެއްޓޭނެ ގޮތެއް ނުވެ. ތިޔަ ވައްތަރަށް ރަސޫލާ އަމަލުކުރައްވާނެކަމަށް އަހަންނަށް ނުވިސްނެ. އެހެންވީމާ ރަސޫލާ އުޅުއްވިގޮތައް ނޫޅެވެންޏާ ތިޔައީ އަހުލު ސުންނަތުގެ މީހުންނޭ ކިއުން ހުއްޓާލާ. ކަލޭމެންގެ ރައުޔާއި އަހަރަމެންގެ ރައުޔާ ތަފާތުވިއެއްކަމަކު، އަހަންނަކީ ކާފަރެއް ކަމަށް ނެހެދޭނެ. އަހަރެން އެއްވެސް އިންސާނަކު ދެކެ ބިރެއް ނުގަންނަން. އެހެންވީމާއި ކަލެއަށް އަދި އެހެން އެއްވެސް ފަރާތަކަށް އަހަރެން ސާބިތުކޮށްދޭން ޖެހޭ އެއްވެސް އެއްޗެއް ނެތް. އެހެންކަމުން އަހަންނާއި ﷲ އާއި ދެމެދުގައިވާ ގުޅުމުގެ ތަފްސީލް އަހަރެން ކަލެޔަށް ކިޔައި ނުދޭނަމެވެ. އަހަންނަކީ ކަލަކު ވޮޑިގެންވާކަމަށް ގަބޫލް ނުކުރާ މީހެކޭ ނުކިޔާ. އަދި ކުރިޔަށް އޮތް ތަނުގައި އެއްވެސް މައްސަލައެއް އޮތް ނަމަ އަހަންނާއި އެންމެ ފުރަތަމަ ވާހަކަ ދައްކާ. އަހަންނަށް ކުރެވެން އޮތްކަމެއް އަހަރެން ކޮށްދޭނަމެވެ. ގަސްތުގައި ނުވަތަ އެނޫންވެސް ގޮތަކަށް އެއްވެސް މީހަކަށް އަނިޔާއެއް ވާކަށް އަހަރެން ބޭނުމެއް ނުވެ. ރަނގަޅަށް ވާހަކަ ދައްކައިގެން ވަރަށް ގިނަ ކަންކަން ހައްލުކުރެވޭނެ.
27 މެއި 2014 ގައި ރިލްވާން އަބްދުﷲ ފޭސްބުކުން ފޮނުވާފައިވާ މެސެޖުގައި ލިޔެފައިވޭ
ވަގުތު ލިބުމުން އަނބުރާ އައިސް ރިލްވާނަށް ޖަވާބު ދޭނަން. އެގޮތުން އަބޫދު ޖާނާ 29 މެއި 2014 ގައި ރިޝްވާނަށް ޖަވާބު ދެމުން ބުނެފައިވަނީ ކަލެޔާއި އަހަރަމެންނާއި ދެމެދުގައި އެއްވެސް އެއްބާރުލުމެއް ނޯންނާނެ. އެކަން ސާފު އެނގުމަކުން އެނގިގެން ހުންނާށެވެ . އަދި ކަލެޔަށް އޮތީ ކުރު ދުވަސްތަކެއް.
އަބޫދު ޖަނާ (މ. ޖޯރޖިއާ. ޔާމީން ނައީމް)، ބިލާދުއްޝާން މީޑިއާގެ ފަރާތުން ވާހަކަދެއްކި އެޑްމިން

އަބޫދު ޖަނާ (މ. ޖޯރޖިއާ. ޔާމީން ނައީމް) ވަނީ ސެޕްޓެމްބަރ 2014 ގައި ސީރިޔާގައި މަރުވެފައެވެ.

މިއީ ރިލްވާންއަށް މަރާލާނެކަމަށް ދީފައިވާ އިންޒާރުކަމަށް ގަބޫލުކުރެވޭ ހެކި ކަމަށް ސުއޫދު ވިދާޅުވިއެވެ.

ރިލްވާން މަރާލުން

2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެރޭ 10:00 އިން ރިލްވާން ހުޅުމާލެއަށް ދަންދެން މުހައްމަދު ހާމިދާއި މުހައްމަދު ސުވެއިދު ރިލްވާންގެ ފަހަތުން ދުއްވިއެވެ. އެދެމީހުން މިހާރު ވަނީ ސީރިއާއަށް ގޮސްފައެވެ.

ކްރިމިނަލް ކޯޓުން ރިލްވާންގެ މައްސަލަ ބެލުމަށްފަހު ކޮށްފައިވާ ހުކުމްގައި ރިލްވާން ހުޅުމާލެއަށް ދިޔަކަމަށް އެނގިފައިނުވާކަން ބުނެފައި ވީނަމަވެސް އޭނާގެ ފޯނުގެ ސިގްނަލް ލިބިފައިވާކަން ބެލި ބެލުމުން އެނގޭކަމަށް ސުއޫދު ވިދާޅުވިއެވެ. ރިލްވާން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ދިޔައީ 8 އޮގަސްޓްވީ ރޭގެ 1:45 ހާއިރެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި އެ ކާރަކީ އާލިފް ރައޫފްގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ ކާރެކެވެ. އަދި އާލިފް ރައޫފްވެސް ވަނީ އެއީ އޭނާގެ ކާރެއްކަން އެއްބަސްވެފަ އެވެ.

މީހަކު ރަތް ކުލައިގެ ކާރަކަށް އެރުވި ކަމަށާއި ވޭނެއް ލިބިގެން ލައްވާ ހަޅޭކުގެ އަޑު އިވުނު ކަމަށް ރިލްވާން ދިއިރުޅޭ 21 ނަންބަރު ފްލެޓުގެ ފުރަތަމަ ބުރީގައި އުޅޭ އަންހެނަކާއި 28 ނަންބަރު ފްލެޓުގައި އުޅޭ އަންހެނެއްގެ ހެކިބަސް އެކޮމިޝަނުން ނެގިކަމަށް ސުއޫދު ވިދާޅުވި އެވެ.

މަރާލި ރިލްވާން އޭނާގެ މަންމައާއިއެކު

ރިލްވާން އަރުވައިގެން ދިޔަ ކާރުގެ ކުރީގައިތިބި ދެމީހުންގެ ތެރެއިން އެކަކީ އާލިފް ރައޫފެވެ. އަދި ފަހަތުގައި އިނީ ރިލްވާން ގަދަކަމުން ޑިކީއަށްލި މީހާއެވެ.

ފަހަތުގައި އިނީ އޭނާ ގަދަކަމުން އެރުވި މީހާ ކަމަށާއި އެކާރު ފަހަތުން ސައިކަލުގައި ދެމީހުން ދިޔަ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ގޮސް ޑިންގީ އަކަށް އެރުވުމަށްފަހު ދެން ކަނޑުގައި ދުއްވާ އެހެން އުޅަނދަކަށް އެރުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ރިލްވާނަށް ބަޔަކު ފާރަލުމާއި، އޭނާ ހުޅުމާލޭ ފެރީއަށް އަރައި އެ ރަށަށް ގޮސް ގެއާ ހަމަޔަށް ދިޔުމަށް ހޭދަވާނެ ވަގުތާއި އެރޭ ރިލްވާން ގެއްލިފައިވާތީ އެ ކަންކަމަށް ބަލާއިރު ރިލްވާނާމެދު ނުރައްކާތެރި އަމަލެއް ހިންގަން އުޅޭކަން އެނގޭތީ، އެރޭ ރަތް ކާރަށް ގަދަކަމުން އަރުވައިގެން ގެންދިޔައީ ރިލްވާން ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ގަބޫލުކުރެވޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ރަތް ކާރަށް އެރުވިއިރު ކުރީގައި ތިބީ ދެ މީހުން. އެކަކީ އާލިފް ރައުފް. ފަހަތުގައި އެކަކު އިން. އެއީ ގަދަކަމުން އެރުވި މީހާ. ފަހަތުން ސައިކަލުގައި ދެމީހުން އާދޭ. ގޮސް ރިލްވާން އެރުވީ ޑިންގީއަކަށް. ދެން ކަނޑުގައި ދުއްވާ އުޅަނދަކަށް. ދެން މިހާތަނަށް ގަބޫލުކުރެވެނީ ރިލްވާން ވަނީ މަރާލާފައިވާ ކަމަށް.
ހުސްނުއް ސުއޫދު / މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް

މިހާތަނަށް ލިބުނު ހޯދުންތަކާއި ހެކި ބަހަށް ބަލާއިރު ރިލްވާން އެރުވީ ޑިންގީއަކަށް ކަމަށާއި ރިލްވާން މަރާލީ ކަނޑު އުޅަނދެއްގައި ކަމަށް ސުއޫދު ވިދާޅުވިއެވެ. އެއީ ކޮން ފަރާތެއްގެ ކަނޑު އުޅަނދެއްކަން އަދި އެ ޑައިރެކްޓް ކުރަމުން އައި އައްޑޫގައި ހުރި ކާކުކަން ވެސް ހޯދާފައިވާކަން ސުއޫދު ފާހަގަކުރެއްވިއެވެ.

ރިލްވާން މަރާލުމުގައި ބައިވެރިވި މީހުން އޭނާ މަރާލަން އުޅުމުން ޝަހާދަތް ކިޔުއްވި ކަމަށާއި އޭނާ މަރާލަން އެއްބަޔަކު ބުނި ކަމަށް ސުއޫދު ވިދާޅުވިއެވެ. އެކަމަކު، ކުށުގެ އަދަބަކަށް އޭނާ މަރަންޖެހޭ ކަމަށް ބުނެ ހިޔާލު ތަފާތުވީ ކަމަށް ބައެއް ހެކިބަސް ލިބިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އެހެންވެ ހެކި ބަހުގެ ފުށުއެރުންތަކެއް އުޅޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ފުލުހުންގެ ތެރެއިން މަސައްކަތްކޮށްފައިވޭ!

ފުލުހުންގެ އިންޓެލިޖެންސްގެ ދެ މީހަކު އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓްގެ ކޮޕީއެއް ހޯދުމަށް އެދުނެވެ. އަދި އޭނާ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ހަސަން އަލީގެ ކިބައިން އެދުނެވެ. ހަސަން އަލީ ވަނީ އެކަމަށް ތަހުގީގީ އިދާރާއަށް ބަޔާނެއް ވެސް ދެއްވާފައެވެ. އެކަމުގައި ޕާސްޕޯޓް ކޮޕީ ހޯއްދަވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަސައްކަތް ކުރެއްވިކަން ހާމަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އަދީބު އެމްއެންޑީއެފްގެ ސީނިއާ ފަރާތަކަށް ކޮޕީ ހޯދުމަށް އެދުނުކަން ތަހުގީގަށް ވަނީ އެނގިފައެވެ.

ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ފުލުހުންގެ ތެރެއިން މަސައްކަތްކުރި. އަދީބު އެކަމަށް އުޅުއްވި. ޕޮލިސް އިންޓެލްގެ ދެ މީހަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ އާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓު ހޯދަން މަޝްވަރާކުރި. ހަސަން އަލީ ވަނީ އެކަމަށް ބަޔާނެއް ވެސް ދެއްވާފައި.
ހުސްނުއް ސުއޫދު / މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް

އަދީބު ވެސް، ރިލްވާން މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަދި މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އަބްދުﷲ ދީދީ އަށް މެސެޖުކޮށްފައިވެއެވެ. އަދި މި މެސެޖަށް ފަހު އެކަމުގައި ހައްޔަރުކުރި އެ މީހާ ބަންދުން ވަނީ ދޫކޮށްލާފައެވެ.

ރިލްވާން ގެއްލުވާލަން އުޅުނު މުނާޒު ކިޔާ ކުއްޖެއް އަދީބަށް މެސެޖް ކުރެއްވި. އަދީބު އެ މެސެޖް ފޯވާޑް ކުރި ކްރިމިނަލް ކޯޓުގެ އޭރުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް، އެ ކަންކަން ވަނީ ސާބިތުވެފައި. އަދީބު އެކަންކަން ކުރި މަގްސަދަކީ ކޮބައި ކަން ނޭނގެ.
ހުސްނުއް ސުއޫދު / މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް

މީގެ އިތުރުން ރިލްވާން މަރާލުމުގެ ކުރިން ވެސް ފުލުހުން ފާރަލާފައިވާ ކަމަށާއި އެކަމަކީ ރިލްވާނަށް އައި އިންޒާރަކާއި ހެދިކަމަށް ފުލުހުން ބުނެފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ. ނަމަވެސް އެވާހަކައާއި ފުށު އެރުންތައް ހުރިކަން ސުއޫދު ފާހަގަ ކުރެއްވިއެވެ. ސުއޫދު ވިދާޅުވީ ފުލުހުން ދޭ ޖަވާބާއި ދިމާ ނުވާކަމަށެވެ.

މީގެ އިތުރުން ސުއޫދު ވިދާޅުވީ ޖޫން 24، 2014 ގައި ހުޅުމާލޭގައި މީހަކު ރަހީނު ކުރަން އުޅޭ ކަމަށާއި އެކަމަށް ޑިންގީއެއް ތައްޔާރުކޮށްފައިވާކަމުގެ އިންޓެލް ރިޕޯޓެއް ފުލުހުންނަށް ކުރިން ލިބިފައި އޮތްކަމަށެވެ. އެކަން ފަހުން ބަދަލުކޮށްފައިވަނީ ފުލުހުންގެ ޕޮލިޓިކަލް ސެކްޝަނަށް ކަމަށެވެ. އެކަމުގައި ފުލުހުން ކޯޓަށް ހުށައެޅި ފޯމުގައި ބުނެފައިވަނީ ދައުލަތާއި ދެކޮޅު ހަރަކާތް ހިންގާތީ ފޯނުކޯލުތައް އަޑުއަހާލަން ފާރަލީކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އަދީބާއި ފުލުސް ދެ އޮފިސަރުންނަށް އަދުލު އިންސާފަށް ހުރަސް އެޅި ކަމުގެ ދައުވާ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެ ކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ލަފައެއް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ތަހުގީގު ޑައިވާޓް ކުރަން ކުރީގެ ރައީސް ޔާމީން މަސައްކަތްކުރެއްވި!

ރިލްވާނަށް ވީނުވީ ބަލަން ތަހުގީގީ އިދާރާއިން ބަލަން ފެށުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މައްސަލަ ޑައިވާޓް ކުރަން މަސައްކަތް ކުރެއްވިކަން ތަހުގީގަށް ހާމަވާކަމަށް ސުއޫދު ވިދާޅުވިއެވެ. އެގޮތުން، ކާހިނުންނާއި ފާލުބަލާ މީހުން ބޭނުންކޮށްގެން ފަންޑިތަ ހަދައި ރިލްވާން ހޯދަން ކަމަށް ބުނެ މާފަންނު ގެއަކާއި ވިލިމާލެއަށް ދަންވަރުގެ ވަގުތު ފުލުހުން ފޮނުވާފައިވާ ކަން ހާމަވާކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިލްވާން މަރާލުމަށްފަހު އޭނާގެ ހަށިގަނޑާއި ބެހޭގޮތުން ތަފްސީލު އަދި ދެވެން ނެތީ އެކަމުގައި ފުށުއެރުންތަކެއް ހުރުމުންނެވެ. ރިލްވާންގެ މަރާއި ގުޅިގެން ތިން މީހުން ހެކިބަސް ދިން ކަމުގައި ވިއަސް އެއީ މަރެއް ސާބިތުކުރަން ސާބިތު ހިފޭވަރަށް ހެކި ނެތުމުންކަމަށް ވިދާޅުވިއެވެ. އެއީ ފުރަތަމަ ހެކި ބަހާއި ދެން އޮތް ދެ ހެކި ބަހާ ފަރަގެއް ހުރުމުން އެ ތަފާތަށް ރިއާޔަތް ކުރަން ޖެހޭތީ ކަމަށް ވިދާޅުވިއެވެ.

އެބަހުރި ތަފާތުތަކެއް. ދާ އޮޅައިލުމަށް ފަހު މަރާލީ ކަމަށް އަދި ޝަހާދަތް ލައިދިން ކަމަށް، ޝަހާދަތް ކީމާ މަރާލީ ކަމަށް ވެސް ހެއްކަކު ވާހަކަ އެބަ ދައްކާ. އެހެންވީމާ ބައެއް މީހުންގެ ދޭތެރޭގައި ހިޔާލުތަފާތުވުން އުފެދުނު .ކީއްވެގެންތޯ ޝަހާދަތްކީމާ މަރާލަންވީ.
ހުސްނުއް ސުއޫދު / މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް
- ކޮމެންޓް