އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހޮނިހިރު ދުވަހު އޮތް އެމްޑީޕީ ޔޫތް ކޮންގްރެސްގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ އެ ވިދާޅުވި ވާހަކަ ރައްޔިތުންނަށް އޮޅުނީ ކަމަށް ވިދާޅުވެ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.
އާދިއްތަ ދުވަހު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކަ ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށާއި އެމަނިކުފާނުގެ ބަހުރުވަ ހުރި ގޮތުން އޮޅުނު އޮޅުމެއް ކަމަށްވާނަމަ އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ނުކުތާއަކީ ސަރުކާރުން އެންމެންނަށް ވަޒީފާ ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނުކުތާއަކީ ވަޒީފާ ހަމަޖެހޭނީ ސިޔާސަތުތައް ހިންގައިގެން އުފެދޭ ދެމެހެއްޓެނެވި ވަޒީފާއެއްކަން ފާހަގަކުރުމަށް ކަމަށެވެ.
ހޮނިހިރު ދުވަހު ކޮންގްރެސްގައި ނަޝީދު އެހެން ވިދާޅުވުމުން އެމަނިކުފާނަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެމަނިކުފާނު ކޮންގްރެސްގައި ވިދާޅުވީ ޕެޕާ ސްޕްރޭ ޖެހި އެންމެނަށް ކޮންމެވެސް ގޮތެއް އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.