Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 11:54
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުން ބޭނުންވަނީ ތާހިރު ދިރިއުޅުމެއް: ރައީސް ނަޝީދު
ރައްޔިތުން މަގާމުތަކަށް ހޮވާފައި ތިބި ފަރާތްތަކުން އެންމެ ބޮޑަށް އެދޭ ކަމަކީ ޒިންމާދާރު ވުން
ބޯހިޔާވަހިކަމާއި ރަނގަޅު ނަރުދަމާގެ ނިޒާމެއް ގާއިމު ކޮށްދިނުމާއި ރަނގަޅު ތައުލީމީ ނިޒާމެއް ހޯދައިދިނުމުގެ ވައުދު
ކާބަން ނިއުޓްރަލް ގައުމަކަށް މަސައްކަތް ކުރާކަމަށް އިއުލާން ކުރުމުން މޮޔަ ކަމެއްކަމުގައި ގިނަ ބަޔަކު ހީކުރި

ދިވެހި ރައްޔިތުން ބޭނުންވަނީ ތާހިރު ދިރިއުޅުމެއް އުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެ އިންޓަޕާލިމެންޓްރީ ސައުތް އޭޝިއަން ސްޕީކަރޒް ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ، ރައްޔިތުން ބޭނުންވަނީ ތާހިރު ދިރިއުޅުމެއް ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ރަނގަޅު ދިރިއުޅުމަކާއި، ބޯހިޔާވަހި ކަމާއި، ރަނގަޅު ވަޒީފާއެއްގެ އިތުރުން ރަނގަޅު މުސާރައެއް ކަމަަށެވެ. ރަނގަޅު ސިއްހީ ފަރުވާގެ ނިޒާމުގެ އިރުތުން ނަރުދަނާގެ ނިޒާމެއް ކަމަށެވެ.

ރައްޔިތުން ބޭނުންވަނީ ހަަމަހަމަކަމާއި އިންސާފުކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން މަގާމުތަކަށް ހޮވާފައި ތިބި ފަރާތްތަކުން އެންމެ ބޮޑަށް އެދޭ ކަމަކީ ޒިންމާދާރުވުން ކަމުގައެވެ. މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހޮވި ވަޑައިގެންނެވީ ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވުމަށްފަހުގައި ކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަމާއި ރަނގަޅު ނަރުދަމާގެ ނިޒާމެއް ގާއިމު ކޮށްދިނުމާއި ރަނގަޅު ތައުލީމީ ނިޒާމެއް ހޯދަދިނުމުގެ ވައުދުތައް ރައްޔިތުންނަަށް ވެވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ލަނޑުދަނޑިތަކުގެ ބޭނުމަކީ އިންސާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ. ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް އަލިއަޅުވާލަމުން ރައީސް ނަޝީދު ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި ސިފަ ކުރައްވާފައެވެ. ތިމާވެއްޓަށް އަންނަ ބަދަލު ތަކަށް ހައްލު ހޯދުމުގެ އިތުރުން އިގްތިސޯދާއި ސިޔާސީ މަސްރަހު ގެ ކަންކަން ރަނގަޅު މަގަށް އަޅުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. 2009 ވަނަ އަހަރު، ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް މަސައްކަތް ކުރާކަމަށް އިއުލާން ކުރުމުން މޮޔަ ކަމެއްކަމުގައި ގިނަ ބަޔަކު ހީކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިޔާދަ ކުރަނިވި ހަކަތައާއި ގުޅިގެން ވާހަކަ ދެއްކެވުމަށް ފަހު ރައީސް ނަޝީދު ވަނީ ދަތުރު ފަތުރުގެ ނިޒާމަށް އަލި އަޅުވާލައްވާފައެވެ. ދަތުރުފަތުރުގެ ނިޒާމާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ، އޭޝިޔާގެ ގިނަ ގައުމުތަކަކުން މިހާރު ދަނީ ދަތުރުފަތުރު ކުރުމަށް ކަރަންޓު ބޭނުންކުރާ ކާރުތަކަށް ބަދަލުވުމަށް އެހެން ފަރާތްތަކަށް މަގު ކޮށާދެމުން ކަމަށެވެ. އެގޮތުން އިންޑިއާއިން 2030 ވަނަ އަހަރާހަމަޔަށް ކަރަންޓު ކާރު ބޭނުން ކުރުމަށް ބަދަލުވުމަށް އިއުލާނު ކުރި ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ކަރަންޓު ބޭނުންކޮށްގެން، އަމިއްލަ އަށް ދުއްވާ، ކާރުތަކުގެ ސަބަބުން މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުވެ، ވައި ސާފުވާނެ ކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Advertisement

ރައީސް ނަޝީދު ވަނީ ދަނޑުވެރިކަމާއި ބިން ބޭނުންކުރުމާއި ގުޅިގެން ވެސް ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ހަކަތައާއި ދަތުރުފަތުރުގެ ނިޒާމާއި ދަނޑުވެރިކަމަށް ބަދަލު ގެންނަން މަސައްކަތް ކުރެވިއްޖެނަމަ ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދިދާނެ ކަމަށެވެ.

އިލެކްޝަން މެނިފެސްޓޯގައި މިފަދަ ބަދަލުތައް ހިމެނުމަށް ފެންނަ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، މި މެނިފެސްޓޯގައި ކާރާއި ފޮސިލް ފިއުލް މަދުކޮށް، ވައި ތަޣައްޔަރުވުން މަދުކުރުމަށް އިގުރާރުވެވިދާނެ ކަމަށެވެ. މީގެއިތުރުން އެ މެނިފެސްޓޯގައި ކާބަން މަދު ކުރެވޭނެ ސްޓްރެޓެޖީތައް ހިމެނޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް"ގެ ނަމުގައި ބާއްވާ މި ސަމިޓްގައި ސާރކް ހަތް ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވައެވެ. ސަމިޓް އޮތީ ރައްޔިތުން މަޖިލިސް ކުރާ އިދާރާގައި ސެޕްޓެމްބަރުމަހުގެ 1 އިން 2 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަމިޓްގައި މަޝްވަރާކުރެވިގެންދާނީ ދެމެހެއްޓެނިވި ތަރައްޤީ އާއި ގުޅޭ ގޮތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް