ބްލައިންޑް އެސޯސިއޭޝަންގެ ފަރާތުން ހުށެއެޅި "ތާނަމެލޯ"، ލޯފަން މީހުންނަށް ހާއްސަ އެޕް ހެދުމުގެ ހިޔާލު ހަތަރުވަނަ މިޔެހެލި ކޭމްޕްގެ އެއްވަނަ ހިޔާލުގެ ގޮތުގައި ހޮވިއްޖެއެވެ.
އޮގަސްޓް 29 އިން 31 އަށް ހުރަވީ ސުކޫލުގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ބައިވެރިވި ފަރާތްތަކުން ވަނީ 19 ހިޔާލެއް ހުށައަޅާފައެވެ. މި 19 ހިޔާލުގެ ތެރެއިން ފަސް ހިޔާލެއް ޝޯރޓްލިސްޓްކޮށް ދެ ދުވަހުގެ ތެރޭގައި އެ ހިޔާލުތަކާ މެދު މަޝްވަރާކޮށް އެންމެ ރަނގަޅު ތިން ހުށެއެޅުން ހޮވާފައިވަނީ ހުރަވީ ސްކޫލްގައި ހޮނިހިރު ދުވަހު ވެހި ނިންމުމުގެ ރަސްމިއްޔާތުގައެވެ.
ކޭމްޕްގެ ދެވަނަ ހިޔާލެއްގެ ގޮތުގައި ހޮވިފައިވަނީ "ސައިލެންޓް ކޮފީ"އެވެ. މިއީ އިވުމުން މަހުރޫމްވެފައިވާ މީހުންނަށް ހާއްސަކޮށްގެން ހުޅުވާ ކެފޭއެކެވެ. މި ކެފޭގެ މަގުސަދަކީ އެކުވެރި މާހައުލެއްގައި މި ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކުގައި އުޅުމުގެ މަގުފަހި ކޮށްދިނުމެވެ.
"ސަޅިކަމެއް" ކޭމްޕްގެ ތިން ވަނަ ހިޔާލެއްގެ ގޮތުގައި ހޮވިފައިވާއިރު މި ހިޔާލަކީ މުޖުތަމައުގެ ހުރިހާ ފަރާތްތަކަކަށް ވެސް ހަމަހަމަ ގޮތުގައި ބޭނުން ކުރެވޭނެފަދަ ގޮތަކަށް ބީޗްތަކާއި ޕިކްނިކް އޭރިއަރސްތައް ތަރައްގީކުރުމެވެ.
ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ޔޫއެންޑީޕީގެ ރާއްޖޭގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އައިޝަތް ރިޒްނާ ވިދާޅުވީ، ހަތަރު އަހަރު މި ކޭމްޕް ބޭއްވިފައިވާއިރު، މިއަހަރުގެ ކޭމްޕަކީ މިހާތަނަށް ބޭއްވުނު އެންމެ ތަފާތު ކޭމްޕުކަމުގައެވެ. ސަބަބަކީ މުޖުތަމައުގެ އެއްވެސް ބަޔަކު އިސްތިސްނާ ނުވާނެހެން ކުރިއަށް ގެންދެވުނު ކޭމްޕަކަށް ވީތީކަމަށް ރިޒްނާ ވިދާޅުވިއެވެ.
ކޭމްޕުގައި ހޮވިގެންދިޔަ ހިޔާލުތައް އަހަރެއްހާ ދުވަހުގެ ތެރޭގައި ތަރައްގީކޮށް ނިންމާނެކަމަށްވެސް ރިޒްނާ ވިދާޅުވިއެވެ.
މިއަހަރުގެ މިޔަހެލި ކޭމްޕުގައި ހުށައެޅި ހިޔާލުތަކުގެ ތެރޭގައި ސައިން ލެންގުއޭޖަށް ހާއްސަ އެޕެއް ތައްޔާރު ކުރުމާ، ދަތުރުފަތުރު ކުރާ ބޯޓުތަށް ވީލްޗެއަރ ފަދަ ތަކެއްޗަށް ފަސޭހައިން އެކްސެސް ވެވޭނެ ފަދަގޮތަކަށް ފަރުމާކުރުން ފަދަ ކަންކަން ފާހަގަކުރެވެއެވެ.
ކޭމްޕުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެސެންޓޭޓިވް ވެރާ ހަކީމް އަދި އުރީދޫ ޗީފް ކޮމަރޝަލް އޮފިސަރ ބަލަޖީ ސްރިނިވާސަން ވަނީ ވަހަކަ ދައްކަވާފައެވެ.
ކޭމްޕުގެ ބައިވެރިއެއް ކަމަށްވާ ފާތިމަތު އިބްރާހިމް ވަނީ މިޔަހެލި ޕްރޮގްރާމް ހިންގުމަށް ހަރަކާތްތެރިވި ފަރާތްތަކުން ލިބުނު އެހީތެރިކަން ފާހަގަކޮށްފައެވެ. އަދި ހުށައެޅި ހިޔާޅުތަކުގެ ތެރެއިން މިފަހަރު ނުހޮވުނު ހިޔާލުތައް ވެސް ކުރިއަށް އޮތް ތަނުގައި ތަރައްގީކޮށް ފެނިގެންދާނެކަމަށް އުންމީދު ކުރާކަމަށް އޭނާ ބުންޏެވެ.
މި އަހަރުގެ މި ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ތިން ދާއިރާކަށް އިސްކަންދީގެންނެވެ. އެއީ، މާއްދީ ގޮތުން ނުވަތަ މާހައުލުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ހުރަސްތަކާ، މުއާސަލާތު ކުރުމުގައި އަދި މައުލޫމާތު ލިބިގަތުމުގައި އެ މީހުންނަށް ކުރިމަތިވާ ހުރަސްތައް އަދި މުޖްތަމައު އިން ދެކޭ ގޮތުން ކުރިމަތިވާ ހުރަސްތަކެވެ.