ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަކީ ސިޔާސީ ނުފޫޒުން އެއްކިބާވެއޮވެ މަސައްކަތް ކުރެވޭ ފަދަ އޮފީހެއްގެ ގޮތުގައި އެ އޮފީސް ނެހެދި ރައްޔިތުން އެދޭ އިންސާފު ގާއިމް ނުކުރެވޭނެ ކަމަށާއި ހަމައެކަނި ފަނޑިޔާރުން ބަދަލުކޮށްގެން ޖުޑިޝަރީ އިސްލާހު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ، މިގައުމު 2012 ވަނަ އަހަރުންފެށިގެން މިހިސާބަށް ވެއްޓިފައި މިއޮތް ހާލަތަކީ ޕީޖީ ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޖީއާއި ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު ނޭޅިގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތެއް ކޯޓުގައި ހިނގާތީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިހާރު ޕީޖީ ކަމުގެ މަގާމުގައި ހުންނެވި ފަރާތުން އިސްތިއުފާ ދެއްވަން ޖެހޭކަން އަމިއްލައަށް ގަބޫލުކުރައްވަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދުގެ މި ހާލަތުގައި ޕްރޮސެކިއުޓަރ ޖެނެރަލް އަމިއްލައަށް ގަބޫލުފުޅު ކުރައްވަން ޖެހޭނެ ތިމަންނާ ހަމަ އިސްތިއުފާ ދެއްވަން ޖެހިއްޖެކަން
މީގެ އިތުރުން، މުޅި ޕީޖީ އޮފީސް ސިޔާސީ ކޮށްގެން، ވަކި ބަޔަކަށް ސިޔާސީ މަންފާތަކެއް ހޯދަދިނުމަށްޓަކައި އެތައް ގޮތަކަށް މައްސަލަތައް އުފެއްދިއިރެއްގައި ހުރި ޕީޖީއެއް ބަދަލުކުރަން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.
ޕީޖީ އާއިމެދު ފިޔަވަޅު ނޭޅިގެން އުޅޭ ސަބަބު ބަޔާން ކުރައްވަމުން އޭނާ ވިދާޅުވީ މުޅި ސިސްޓަމް ބަލާ ދިރާސާކޮށް ހިންގަންޖެހޭ ތަހުގީގުތައް ހިންގުމަށް ފަހު އަދި އެމީހެއްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއިމެދު ޖަވާބުދާރީވާނެ ފުރުސަތު ދިނުމަށްފަހުގައި ނޫނީ އެޖެންޑާ 19 ގެ ދަށުން އައިސްފައިއޮތް މަޖިލީހަކުން ފިޔަވަޅެއް ނާޅާނެ ކަމަށެވެ.