ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި ގާއިމުކުރާ އިންސިނެރޭޝަން ފެސިލިޓީ އިމާރާތް ކުރުމަށް ހިއްކާފައިވާ ބިމުގެ ޖިއޯ ޓެކްނިކަލް ސަރވޭ ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުއްވީ ޕާމަނަންޓް ސެކެރެޓަރީ އަޖުވަދު މުސްތަފާއެވެ. އަދި ރިޔަން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އިބްރާހީމް ހަމީޒެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ރިޔަން ޕްރައިވެޓް ލިމިޓެޑުން އީ.އެލް.އެސް ގްރޫޕާއި އެކު ކުރިއަށްގެންދާ މި ސަރވޭ އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 30 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މި ސަރވޭގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 1.2 މިލިއަން ދިވެހި ރުފިޔާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ސަރވޭގެ މައިގަނޑު ބޭނުމަކީ، ކުނިމެނޭޖްކުރުމަށް ތިލަފުށީގައި ހިއްކާފައިވާ ބިމުގައި އެފަދަ އިމާރާތެއް އެޅުމަށް އެކަށީގެންވާ ފެންވަރު ހުރިތޯބެލުން ކަމަށެވެ. އެގޮތުން ސަރވޭގައި އެބިމުގައި ބޯހޯލް ތޮރޮފައިގެން ވެލިތަކުގެ ސާމްޕަލް ނަގައިގެން ތަހްލީލް ކުރާނެއެވެ. އަދި މި ތަހްލީލުތަކަށް ބިނާކޮށް ރިޕޯޓެއް އެކުލަވާލާނެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ތިލަފުށީގެ ފަޅުތެރެއިން 15 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވާ ކަމަށެވެ. މާލެ ސަރަހައްދުގެ ކުނި ދެމެހެއްޓެނިވިގޮތެއްގައި މެނޭޖްކުރެވޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމައްޓަކައި މި ބިމުގައި ދުވާލަކު 500 ޓަނުގެ ކުނި މެނޭޖްކުރެވޭނެ ފެސިލިޓިއެއް ގާއިމްކުރުމަށް މިހާރު ޕްރޮކިއުމެންޓްގެ މަސައްކަތް ދަނީ ކުރިއަށެވެ.
މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް ދައިމީ ހައްލެއް ހޯދުމަށް ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ނަމުގައި މަޝްރޫއެއް މިހާރުދަނީ ކުރިއަށެވެ. މަޝްރޫޢުއަކީ އޭ.ޑީ.ބީގެ ހިލޭ އެހީއާއި އޭ.އައި.އައި.ބީ (އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް) އަދި އައި.ޑީ.ބީ (އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް) ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރި ވުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.