މި އަހަރުގެ ދެވަނަ ކުއާޓަރގައި އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. އޭސީސީން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރގައި 198 މައްސަލަ ނިންމާފައިވާ ކަމަށެވެ.
އޭސީސީން ބުނީ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 355 މައްސަލަ ބަލާ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. މީގެ ތެރެއިން 198 މައްސަލައަކީ 2 ވަނަ ކުއާޓަރގައި ނިންމާފައިވާ މައްސަލަތައް ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އެ ކޮމިޝަނުން ބުނީ މިއީ 2018 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ ޖުމްލަ 486 މައްސަލައެވެ.
އޭސީސީން ބުނީ ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ 01 މައްސަލަ މި އަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 02 މައްސަލަ ކަމަށެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 198 މައްސަލައިގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާ ކަމަށް ސާބިތު ކުރެވެން ނެތް ކަމަށް ނިންމާފައިވަނީ ޖުމްލަ 197 މައްސަލަ ކަމަށާއި، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 484 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިގެންވާ ކަމަށް ސާބިތު ކުރެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އޭސީސީން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ބަލާ ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 59 އިދާރާއަކަށް، އިޞްލާހުކުރުމަށް 61 އެންގުމެއް އަންގާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އަންގާފައިވަނީ 86 އެންގުމެއް ކަމަށެވެ.